ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، ފުލުހުން، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް އާ ދެމެދު އެެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި އެމެރިކާގެގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓޭޗޭ އާލް މަޓިއާ އެވެ. ދިވެހި ފުލުހުން ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދެވެ.
މި އެެއްބަސްވުމުގެ ދަށުން، ގުޅުންހުރި ކަންކަމުގައި ދެފަރާތުން މަޝްވަރާކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވައި ތަހުގީގުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެގޮތުން އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި ސަލާމަތީގޮތުން ކުރިމަތިވަމުންދާ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މި އެއްބަސްވުމާއެކު ހަރުދަނާވެގެންދާނެ ކަމަށް ފުލުހުންގެ މުއައްސަސާ އިން ބުންޏެވެ.