މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް އެކަކުން އިން 28 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ، ގާވިޔާ، މަމްނޫހު ޒާހިރު އެވެ. ފުލުހުން ބުނެފައިވަނީ، މި މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ހުޅުމާލެ ފޭސް އެކެއްގެ މަގުމަތި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް، މި މައްސަލައިގަ ހައްޔަރުކުރެވުނު މަމްނޫހު ޒާހިރުގެ އަމަލުތައް ހުރިގޮތުން، ތުހުމަތުކުރެވޭތީވެ، ހުއްޓުވައި ބަލާފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 37 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މަމްނޫހު ޒާހިރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.