އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު

ދޮގު ޚަބަރު ފަތުރައިގެން މާކެޓުގައި ނުތަނަވަސްކަން އުފައްދައިގެން ނުވާނެ: މިނިސްޓަރު ސައީދު

މުހައްމަދު ހަމީޒް
 
5 ގަޑިއިރު ކުރިން

ދޮގު ޚަބަރު ފަތުރައިގެން ބާޒާރުގައި ނުތަނަވަސްކަން ނުވަތަ ޓެންޝަން އުފެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން މިތިބީ އެއް ގޮފިގަނޑެއްގައި ކަމަށާއި، އިށީނދެގެން ތިބި ގޮފި ބުރިކޮށްލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

ބާޒާރުން މުދާ ހުސްވާ ކަމަށް ބުނެ ފެތުރޭ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަނޑޫ ހުސްނުވަނީސް ހަނޑޫ ހުސްވެއްޖެ ކަމަށާއި، އެލްޕީޖީ ހުސްނުވަނީސް އެ ހުސްވެއްޖެ ކަމަށް ބުނެ ޚަބަރު ފެތުރުމަކީ މާކެޓުގައި ބޮޑު ޓެންޝަނެއް އުފެދޭނެ ކަމެއް ކަމަށެވެ. މިފަދަ ކަންކަމަކީ ޒިންމާދާރުކަން ކުޑަ އަމަލުތަކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ބަންކަރިންގެ ޚިދުމަތާއި އުތުރުގެ ތަރައްޤީ

ރާއްޖޭގެ އުތުރުގައި ފެށުމަށް ތައްޔާރުވަމުންދާ ބަންކަރިންގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މިއީ ރައީސް މައުމޫނުގެ ސަރުކާރުން ފެށިގެން ކޮންމެ ސަރުކާރަކުން ވެސް ދައްކަމުން އައި ވާހަކައެއް ކަމަށެވެ. "އެންމެން ވެސް ހުރިހާ އެޑްމިނިސްޓްރޭޝަނަކުން ވެސް ބުނަނީ މަސައްކަތް ފަށަންވެއްޖެ ކަމަށް،" ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި އޮތް ޝިޕިންގ މޫވްމަންޓްތަކުގެ ބޭނުން ހިފުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަނުން

ސަރުކާރުން ވިޔަފާރިތަކުގެ ތެރެއަށް ވަނުމާ ގުޅޭގޮތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ބައެއް ޚިދުމަތްތައް ދެނީ ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، އަސާސީ ޚިދުމަތްތައް ކަށަވަރު ކުރުމަށް ކަމަށެވެ. މިސާލެއްގެ ގޮތުން އެސްޓީއޯ މެދުވެރިކޮށް ކާޑުގެ ބާވަތްތައް ގެނައުމަކީ ރައްޔިތުން ބަނޑަށް ޖެހުނަނުދީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ދިގު މުއްދަތަކަށް ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވައި، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑުއައްސަވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަނީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.