ތަރުޖަމާނާއި އެކު އިގްތިސާދީ ވަޒީރު ހީނާ

ރޯދަމަހު ހެޔޮ އަގުގައި އަސާސީ ކާބޯތަކެތި ލިބޭނެ: ސައީދު

މުހައްމަދު ހަމީޒް
 
10 ދުވަސް ކުރިން

ކުރިއަށް އޮތް ރަމަޟާން މަހުގައި އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ކާބޯތަކެތި ހެޔޮ އަގުގައި ލިބޭނެ ކަމުގެ ޔަގީންކަން އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފިއެވެ. 

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މީސްމީޑިޔާ މެދުވެރިކޮށް ކުރިއަށްގެންދަވާ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ސައީދު ވިދާޅުވީ އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއް ކަމަށެވެ. އަދި ހާއްސަކޮށް ރޯދަމަހު ރައްޔިތުންނަށް ތަކުލީފު ބޮޑުނުވާނެ ގޮތަށް ކާބޯތަކެތީގެ އަގުތައް ހިފަހެއްޓެވުމަކީ ރައީސްގެ ނިންމެވުމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. 

އެގޮތުން އެސްޓީއޯއިން މާލޭގެ ބާޒާރުމަތީގައި ހިންގަމުންދާ ހޯލްސޭލް ފިހާރައިން މި ބާވަތްތައް ހެޔޮ އަގުގައި ވިއްކަަމުންދާކަން ސައީދު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ހުޅުމާލޭގައިވެސް އެ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯއިން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އޭގެ އިތުރަށް އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައިވެސް މި ތަކެތި ހެޔޮޮ އަގުގައި ލިބޭނެ އިންތިޒާމުުތައް މިހާރު އެސްޓީއޯއިން ހަމަޖައްސައިދީފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ 3،000 މީހުންނަށްވުރެ އާބާދީ ބޮޑު ހުރިހާ ރަށެއްގައި އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް އަސާސީ ކާނާގެ ބާވަތްތައް ހެޔޮ އަގުގައި ފޯރުކޮށްދެވޭނެ އިންތިޒާމުތައް މިހާރު އެސްޓީއޯއިން ހަމަޖައްސަމުންދާ ކަމަށެވެ. ސައީދު ފާހަގަަަކުރެއްވި ގޮތުގައި، ކޮންމެހެން ކުރަންޖެހިއްޖެ ހާލަތެއްގައި މެނުވީ އެސްޓީއޯއިން މި ރަށްރަށުގައި ރީޓެއިލް ވިޔަފާރިނުކުރާނެއެވެ. ނަމަވެސް މުދާ ހޯލްސޭލްކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯއިން ކުރުމުންވެސް ހެޔޮ އަގުގައި މުދާ ނުވިއްކާ ހާލަތުގައި އެސްޓީއޯއިން ރީޓެއިލްކުރަން މަޖުބޫރުވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. 

"ޖުމްލަކޮށް މިކުރެވޭ މަސައްކަތް ނިމޭއިރުގައި ކޮންމެވެސް ސިފައެއްގައި އެސްޓީއޯ މެދުވެރިވެގެން މިތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ.،" ސައީދު ވިދާޅުވިއެވެ.