ކުރީގެ ރައީސް މުހައްމަދު ނަޝީދު

ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދޭން ނަޝީދު ގޮވާލައިފި

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

އެމްޑީޕީގެ އިސް މަގާމަކަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ފޯރުކޮށްދިނުމަށް މިއަދު އިލްތިމާސް ކުރައްވާފައެވެ. މި ވާހަކަފުޅު އެމަނިކުފާނު ދެއްކެވީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ދަތުރުފުޅުގައި ތ. ކިނބިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ އަސާސީ ގާނޫނުގައި ދިވެހި ރައްޔިތަކަށް ވުމަށް ބޭނުންވާ މިންގަނޑުތައް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، އެ ޝަރުތުތައް ފުރިހަމަވާ ބޭރު މީހުންނަށް ރައްޔިތުކަން ދީގެން ރާއްޖެއަށް ގެނައުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައިވާ ޝަރުތުތަކަށް ފެތޭ ބޭރުގެ މީހުންނަށް ދިވެހި ރައްޔިތުކަން ދީގެން ގެނައުމަކީ ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން، 1953 ގެ ރެފިއުޖީ ކޮންވެންޝަންގައި ރާއްޖެ ބައިވެރިވެއްޖެނަމަ، ރަށްރަށުގެ ކައުންސިލްތަކަށް ބޭނުންވާ އިންޖިނިއަރުންނާއި، މުދައްރިސުން އަދި ޑޮކްޓަރުން ފަދަ ފަންނީ މީހުން ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު ވަނީ އޮސްޓްރޭލިއާއިން އޭޝިއާގެ ގައުމުތަކުން މޮޅެތި މީހުން ހޯދައިގެން އެގައުމުގެ އާބާދީ އިތުރުކުރި މިސާލު ދައްކަވާފައެވެ. އަދި ފަލަސްތީނާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ނެތިފައި ތިބި ގާބިލް އާއިލާތަކަށް ރާއްޖެއިން ފުރުސަތު ދެވިދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.