އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ކަނޑައެޅިފައިވާ ތާރީހުގައި ނުބާއްވައިފި ނަމަ، ޕާޓީގެ އެތެރޭގެ މަސްލަހަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް އެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ތ. ތިމަރަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިހާބާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބު ފަސްކޮށްފި ނަމަ މައްސަލަތައް އިތުރަށް ބޮޑުވެ، ޕާޓީ ހިންގުމަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އިންތިހާބު ބާއްވައިގެން މިކަން ނިންމުމަކީ އެމްޑީޕީއަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަދެއްކެވީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އިންތިހާބު ފަސްކުރުމަށް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. ގަޕޯ ވިދާޅުވެފައިވަނީ މި ވަގުތު އިންތިހާބު ބާއްވައިފި ނަމަ ޕާޓީގެ މަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް ހުރަސް އެޅިދާނެ ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ އިންތިހާބު ބާއްވާނެ މާލީ ތަނަވަސްކަން ނެތް ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މިކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މެދު ހިތްހަމަނުޖެހޭ މީހުން ތިބި ފަދައިން އެމަނިކުފާނާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު ތިބެދާނެ ކަމަށެވެ. "ތާއީދު ގިނައީ ކޮން ބަޔަކަށްކަން ނޭގެންޏާ އަނެއްކާ ވެސް ޖެހޭނީ ރައީސް ޞާލިހާ އެކު ތި ބޭފުޅުން ހިތްހަމަޖައްސަން ފޮޓޯއެއް ނަގަން. އެކަމަކު ހަފްތާއެއް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުން އުފެދޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރައީސް ނަޝީދުގެ އިތުރުން ދެން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ނަސީމެވެ. މީކާއިލް ވެސް ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅަށް ވާހަކަދައްކަވައި، ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ބާރުއަޅުއްވާފައެވެ.