އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ސިންގަޕޫރު މުއްސަނދި ކުރަނީ ކުންފުނިތަކުގެ ފައިސާ ބޭރުގައި އިންވެސްޓު ކޮށްގެން: ފައްޔާޒް

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ސިންގަޕޫރު ފަދަ ގައުމުތައް މުއްސަނދިވެފައިވަނީ ދައުލަތުގެ ކުންފުނިތަކަށް ލިބޭ ފައިދާ ސޮވްރިން ވެލްތު ފަންޑެއްގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުގައި އިންވެސްޓު ކޮށްގެން ކަމަށާއި، ރާއްޖެއިން ވެސް އެ މަގަށް އަމަލުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒް މިހެން ވިދާޅުވީ 'ބޮޑު ބަދަލު' ކެމްޕެއިންގެ ތެރެއިން ތ. ތިމަރަފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވީ ރާއްޖޭގެ މުއްސަނދިކަން ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން ލިބޭ ނަފާ ވަކި ގާނޫނެއްގެ ދަށުން އުފައްދާ ފަންޑަކަށް ޖަމާކުރަން ޖެހޭ ކަމަށެވެ. 

އެގޮތުން ބޭންކް އޮފް މޯލްޑިވްސް، ދިރާގު، އެމްޑަބްލިއުއެސްސީ، އެސްޓީއޯ އަދި އެމްއޭސީއެލް ފަދަ ކުންފުނިތަކަށް ލިބޭ ފައިސާ ހަމައެކަނި ޚަރަދު ކުރުމުގެ ބަދަލުގައި، އެ ފައިސާ ރައްކާކޮށްގެން ދުނިޔޭގެ ބާޒާރުގައި އިންވެސްޓުކޮށްގެން އިތުރު ފައިދާ ހޯދަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ކުންފުނިތައް ސަރުކާރުން ވަރަށް ބޮޑަށް ވަކިވާން ޖެހޭ ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ކޮންމެ ސަރުކާރެއްގެ ތެރޭގައި ވެސް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ކަމަށާއި އެކަން ހުއްޓުވޭނީ ސަރުކާރުގެ ޕްރޮކިއުމަންޓް ނިޒާމަށް ބޮޑު ބަދަލެއް ގެނެސްގެން ކަމަށެވެ. 

ސަރުކާރުގެ ސައިޒު ކުޑަކޮށް، މަޝްރޫއުތަކުގެ ބިޑިންގ މަރުހަލާ މިނިވަން މުއައްސަސާއެއްގެ ދަށަށް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ފައްޔާޒް ވިދާޅުވީ، ރަށެއްގެ ކައުންސިލުން މަޝްރޫއެއް ކުރިއަށް ގެންދަން ނިންމި ނަމަވެސް، އެ މަޝްރޫއެއްގެ ޓެންޑަރިންގ އަދި ބިޑިންގ ކަންތައްތައް ކުރިއަށް ގެންދަންވާނީ ކައުންސިލުން ނޫން ކަމަށެވެ. "ކައުންސިލުން ޑިޒައިންކޮށްފައި އޭގެ ބަޖެޓަކީ މިއީއޭ ބުނީމަ މުޅިން މިނިވަން މުއައްސަސާއަކުން އޭގެ ބިޑިންގ ކަންތައް ގެންދާނެ. 

އޭރުން ކައުންސިލަރާ ދިމާލަކަށް އިނގިއްޔެއް ނުދެއްކޭނެ ކޮރަޕްޝަނެއް ކިޔާފައެއް،" ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓް ޑެފިސިޓް ކޮންޓްރޯލް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ފައްޔާޒް އަލިއަޅުއްވާލެއްވިއެވެ. އޭނާ ވިދާޅުވީ ނިޒާމީ ބަދަލުތަކެއް ގެނެސްގެން މެނުވީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ އިގްތިސާދު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.