އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު

ހަނގުރާމައަށް ކޮންގްރެސްގެ ހުއްދަ ހޯދުމުގެ ސުންގަޑި މަޑުޖެހިފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ

މުހައްމަދު ހަމީޒް
 
12 ދުވަސް ކުރިން

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރަށް ދީފައިވާ ސުންގަޑި މިހާރު މަޑުޖެހިފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ ވިދާޅުވެފައެވެ. 

ބުރާސްފަތި ދުވަހު ސެނެޓްގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެގްސެތު މިހެން ވިދާޅުވީ، ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ގާނޫނީ ހުއްދައާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ގާނޫނު ބުނާގޮތުން، ރައީސް ކޮންގްރެސްއަށް ރަސްމީކޮށް އެންގުމަށްފަހު 60 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ނުލިބިއްޖެނަމަ އަސްކަރީ ހަރަކާތްތައް ހުއްޓާލަން ޖެހެއެވެ. މާރިޗު 2 ވަނަ ދުވަހު ޓްރަމްޕް ކޮންގްރެސްއަށް މިކަން އެންގެވުމާ ގުޅިގެން، އެ 60 ދުވަހުގެ މުއްދަތު ހަމަވަނީ މިއަދު ހުކުރު ދުވަހަށެވެ. 

ނަމަވެސް ހެގްސެތު ވިދާޅުވީ، "އަޅުގަނޑުމެން މިވަގުތު މިތިބީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުގައި ކަމަށްވާތީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެ 60 ދުވަހުގެ ވަގުތު ގުނުން މިހާރު ވަނީ މަޑުޖެހިފައި،" ކަމަށެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އީރާނާއެކު އޮތް ހަމަލާ ބަދަލުކުރުންތައް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވެއެވެ. މީގެ އިތުރުން، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ސްޓްރެއިޓް އޮފް ހޯމޫޒް ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައެވެ.

ޑިމޮކްރެޓިކް ސެނެޓަރ ޓިމް ކޭން ވަނީ ހެގްސެތުގެ ވާހަކައަށް އިއުތިރާޒު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ގާނޫނު އޮތްގޮތުން އެފަދަ މާނައެއް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި، މިއީ ސަރުކާރަށް ކުރިމަތިވާނެ ގާނޫނީ ބޮޑު ސުވާލަކަށް ވާނެ ކަމަށެވެ. 1973 ވަނަ އަހަރު ފާސްކުރި 'ވޯ ޕަވަރސް ރިޒޮލިއުޝަން' އަކީ ރައީސްގެ ހަނގުރާމަ ކުރުމުގެ ބާރުތައް ހަނިކުރުމަށް ހަދާފައިވާ ގާނޫނެކެވެ.

މި މައްސަލައިގައި ކޮންގްރެސްގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާއިރު، ޑިމޮކްރެޓުން ދަނީ ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގިނަ ރިޕަބްލިކަން މެންބަރުން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. ސަރުކާރުގެ އޮފިޝަލުން މިހާރުވެސް ދަނީ ކޮންގްރެސްގެ މެންބަރުންނާ ވާހަކަދައްކައި، ހަނގުރާމައަށް ގާނޫނީ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަނގުރާމަ ފެށިގެން ދިޔައީ އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އެގައުމުގެ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާދީފައެވެ.