ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށް އިތުރު

ނާއިފް ހަލީމް
 
1 ދުވަސް ކުރިން

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހުސްވި މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަކަށް ރާއްޖެއަށް 178 ޕްރައިވެޓް ޖެޓް އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 134 ޕްރައިވެޓް ޖެޓެވެ. އެހެންކަމުން މިއީ 32.8 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗު މަހުގެ ފަހު 15 ދުވަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ދިހަ އަކަށްވުރެ ގިނަ ޖެޓު އައިސްފައިވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އެއް ދުވަހެއްގައި ރާއްޖެއަށް އެންމެ ގިނައިން ޖެޓު އައިސްފައި ވަނީ މާރިޗު 21 ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެއަށް 17 ޖެޓު ވަނީ އައިސްފަ އެވެ. 

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ނެވެ.