އިސްރާއީލުން ރޭ ދިން ވަރުގަދަ ހަމަލާތަކެއްގައި އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚަތީބާއި، އެ މިނިސްޓްރީގެ އިސް ބައެއް ވެރިން އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް މިއަދު އިއުލާނު ކުރައްވައިފިއެވެ.
މި ހަމަލާތަކަކީ އިސްރާއީލުން އީރާނާއި ލުބުނާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަކުރަމުންދާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ. ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
އީރާނުން ވެސް ވަނީ އިސްރާއީލަށް ރައްދު ހަމަލާތަކެއް ދީފައެވެ. އީރާނުން ބުނިގޮތުގައި މިއީ އެގައުމުގެ ސެކިއުރިޓީ ޗީފް އަލީ ލަރީޖާނީ އާއި ބަސީޖް ފޯސްގެ ކޮމާންޑަރު ޣުލާމްރިޒާ ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ދިން ބަދަލުހިފުމުގެ ހަމަލާތަކެކެވެ. އީރާނުން ދިން މި ހަމަލާތަކުގައި އިސްރާއީލުން މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާތަކާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، އީރާނުގެ ސިޔާސީ ނިޒާމަކީ ވަރުގަދަ ނިޒާމެއް ކަމަށާއި، ގައުމުގެ އިސްވެރިން އަވަހާރަކޮށްލުމަކީ އީރާނުގެ ކުރިއެރުމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، އިރާގުގެ ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވެސް ހަމަލާތަކެއް އަމާޒުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ހަމަ އެއާއެކު، ބަހުރޭން، ކުވެއިތު، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ވަން ބައެއް ޑްރޯންތަކާއި މިސައިލްތައް ހުއްޓުވާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.