އިސްރާއީލުން ރޭގެ ވަގުތެއްގައި ދިން ވައިގެ ޙަމަލާތަކެއްގައި، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަދި އެ ޤައުމުގެ ސަލާމަތީ ކަންކަމާބެހޭ އެންމެ އިސްވެރިޔާ ޢަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާކަން އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް މިއަދު އިޢުލާނުކުރައްވައިފިއެވެ. މީގެ އިތުރުން، އީރާނުގެ ބާސިޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގޮލާމްރެޒާ ސުލައިމާނީ ވެސް ވަކިން ދިން ޙަމަލާއެއްގައި އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އީރާނުގެ ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އިސްރާއީލުގެ މި އިޢުލާނަށްފަހު ލަރިޖާނީގެ ރަސްމީ އެކްސް އެކައުންޓުން ވަނީ އަތުން ލިޔެފައިވާ މެސެޖެއް އާންމުކޮށްފައެވެ. މި މެސެޖަކީ އޭނާ ދުނިޔޭގައި ހުންނެވިކަން ކަށަވަރުކޮށްދޭ ހެއްކެއްތޯ ނުވަތަ ނޫންތޯ މުޙައްލިލުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީކޮޅު، އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން، ލަރިޖާނީ ވެފައިވަނީ އީރާނުގެ ދުވަހުން ދުވަހަށް ހިނގާ ސަލާމަތީ ކަންކަން ބަލަހައްޓަވާ އެންމެ އިސް ލީޑަރަށެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު ކާޓްޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ލަރިޖާނީ އާއި ބާސިޖް ކޮމާންޑަރު ރޭގެ ވަގުތެއްގައި "ނައްތާލެވިއްޖެ" ކަމަށާއި، މި ޙަމަލާއަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އަސްކަރީ ޤާބިލުކަން ނައްތާލުމަށް އިސްރާއީލުން ކުރިއަށްގެންދާ "އޮޕަރޭޝަން ރޯރިން ލަޔަން" ގެ ދަށުން ދެވުނު ޙަމަލާއެއް ކަމަށެވެ.
ޢަލީ ލަރިޖާނީއަކީ އީރާނުގެ ސިޔާސީ މަސްރަޙުގައި އެތައް އަހަރެއް ވަންދެން މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅުއްވި، ނުފޫޒުގަދަ ބޭފުޅެކެވެ. 1958 ވަނަ އަހަރު އިރާޤުގެ ނަޖަފަށް އުފަންވެވަޑައިގަތް ލަރިޖާނީ ނިސްބަތްވެވަޑައިގަންނަވަނީ އީރާނުގެ އާމޮލްގެ ބާރުގަދަ ޢާއިލާއަކަށެވެ. ޓައިމް މެގަޒިންއިން މީގެ ކުރިން މި ޢާއިލާ ސިފަކޮށްފައިވަނީ "އީރާނުގެ ކެނެޑީން" ގެ ގޮތުގައެވެ. އޭނާގެ ބައްޕައަކީ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އުމުރުފުޅުން 20 އަހަރުގައި ލަރިޖާނީ ކައިވެނިބައްލަވައިގަތީ އީރާނުގެ އިސްލާމީ އިންޤިލާބުގެ ބާނީ ރޫޙުﷲ ޚުމައިނީގެ އަރިސް ބޭފުޅެއްގެ ދަރިކަނބަލުން ފަރީދޭ މުޠައްހަރީއާއެވެ.
އީރާނުގެ އެހެން ގިނަ ސިޔާސީ ލީޑަރުންނާ ޚިލާފަށް، ލަރިޖާނީއަކީ ތަޢުލީމީ ގޮތުން ދުނިޔަވީ ޢިލްމުތަކަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ. އޭނާ ވަނީ ހިސާބު ޢިލްމާއި ކޮމްޕިއުޓާ ސައިންސުން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ހުޅަނގުގެ ފަލްސަފާއިން ޑޮކްޓަރޭޓް ހާސިލުކުރެއްވިއެވެ. 1979 ގެ އިންޤިލާބަށްފަހު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅިވަޑައިގަތުމަށްފަހު، ކަލްޗާ މިނިސްޓަރުކަމާއި ދައުލަތުގެ ބްރޯޑްކާސްޓާ (އައިއާރްއައިބީ) ގެ ވެރިޔާކަން ފަދަ އިސް މަޤާމުތަކެއް ފުރުއްވިއެވެ.
މީގެ އިތުރުން 2005 އިން 2007 އަށް ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީކަން ކުރެއްވުމަށްފަހު، ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަން ވިދިވިދިގެން ތިން ދައުރުގައި ކުރެއްވިއެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އަލުން ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަޤާމަށް ލަރިޖާނީ ޢައްޔަނުކުރައްވާފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ޙަމަލާގެ ސަބަބުން އީރާނުގެ ސަލާމަތީ އަދި ސިޔާސީ އޮނިގަނޑަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެއެވެ. ޚާއްޞަކޮށް އީރާނުގެ އެންމެ އެތެރެއަށް ވަދެ، އިސް ލީޑަރުންނަށް އަމާޒުކޮށް ޙަމަލާދިނުމުގެ ޤާބިލުކަން އިސްރާއީލަށް ލިބިފައިވާކަން މިކަމުން ހާމަވެގެންދެއެވެ. އީރާނުން މިކަމަށް ރައްދުދޭނެ ގޮތަކާމެދު ސުވާލު އުފެދިފައިވާއިރު، މެދުއިރުމަތީގެ މަސްރަޙު މިވަނީ އިތުރަށް ނުތަނަވަސްވެފައެވެ.