އެމެރިކާގައި ވެސް 14 އަހަރު ތެރޭ ތެލުގެ އަގު އެންމެ މައްޗަށް

ނާއިފް ހަލީމް
 
3 ގަޑިއިރު ކުރިން

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އެމެރިކާގައި ހަތަރު ލީޓަރު ޑީސަލްގެ އަގު ފަސް ޑޮލަރަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.

މިއަދު އެމެރިކާގެ މާކެޓުގައި ޑީސަލް ގެލަންއެއްގެ ނުވަތަ ގާތްގަނޑަކަށް ހަތަރު ލީޓަރުގެ އެވްރެޖް އަގު ހުރީ 5.04 ޑޮލަރުގައެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފެށުމުގެ ކުރިން ހުރި އަގާ އަޅާބަލާއިރު 34 އިންސައްތައިގެ ބޮޑުވުމެކެވެ. އަދި، މިއީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ރަޝިއާއިން ޔޫކްރެއިނަށް އެރި ފަހުން ޑީސަލްގެ އަގު މިހާ ބޮޑަށް އެ ގައުމުގައި އުފުލުނު ފުރަތަމަ ފަހަރެވެ.


މިއާއެކު ތާރީޚުގައި ވެސް ތެލުގެ ސަޕްލައިއަށް އެންމެ ބޮޑަށް ބުރޫއެރި ފަހަރަށް މި ހާދިސާ ވަނީ ވެފައެވެ.


ޑީސަލްގެ އަގު އުފުލުމުގެ އިތުރުން، އެމެރިކާގައި ވެސް ޕެޓްރޯލްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ހަނގުރާމަ ފެށުނު ފަހުން ޕެޓްރޯލްގެ އަގު ވަނީ 27 އިންސައްތަ އުފުލި، ގެލަންއެއްގެ އެވްރެޖް އަގު 3.79 ޑޮލަރަށް އަރާފައެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު ޕެޓްރޯލްގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.


ކުރިއަށް އޮތް ތަނުގައި މި އަގު ހަތަރު ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.


ޑީސަލަކީ އެމެރިކާގެ އިޤުތިޞާދުގެ މައިބަދަ ކަމަށްވާ ދަތުރުފަތުރުގެ ދާއިރާއަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. މުދާ އުފުލާ ބޮޑެތި ޓްރަކްތަކާއި، ރޭލު އަދި ބާޖުތައް ދުއްވަނީ ޑީސަލުން ކަމަށްވާއިރު، ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ލޮޖިސްޓިކްސް ކުންފުނިތަކުން ދަނީ ފިއުލް ސާޗާޖު ބޮޑުކުރަމުންނެވެ.


މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ 40 އިންސައްތައަށް ވުރެ ބޮޑަށް އުފުލިފައެވެ. އަންގާރަ ދުވަހު އެމެރިކާގެ ކްރޫޑް އޮއިލް (ޑަބްލިއުޓީއައި) ފީފާއެއްގެ އަގު 94 ޑޮލަރާއި 96 ޑޮލަރާ ދެމެދުގައި ހުރިއިރު، ބައިނަލްއަޤުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 101 ޑޮލަރާއި 103 ޑޮލަރާ ދެމެދުގައެވެ.