ހޯމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއެޅުން ހުއްޓާނުލައިފިނަމަ، އީރާނުގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް ބުނެ ރައީސް ޓްރަމްޕް ދެއްވި އިންޒާރުތަކަށް އީރާނުން މިއަދު ދުވަހު ރައްދުދީފިއެވެ.
އީރާނުން ބުނި ގޮތުގައި އެ މުހިންމު ކަނޑުގެ ސަރަހައްދު އޮތީ އެގައުމުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. އަދި އެ ސަރަހައްދުން ދަތުރުކުރަން ކުރާ ކޮންމެ މަސައްކަތަކަށް ހަމަލާދޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.
އީރާނުން މިފަދަ ވަރުގަދަ ބަޔާނެއް ނެރެފައިވަނީ، އީރާނުގެ މަދަދުލިބޭ ހަނގުރާމަވެރި ގްރޫޕަކުން ހުކުރު ދުވަހުގެ ރޭ އިރާގުގައި ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާދިން ކަމަށް ބުނިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. މީގެ އިތުރުން، އީރާނުގެ ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑްގައި ހުރި އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ބޮން އަޅާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ ރަށުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް މިވަގުތަށް ހަމަލާނުދިނުމަށް އޭނާ ވަނީ އަސްކަރިއްޔާއަށް އަމުރުކުރައްވާފައެވެ. ނަމަވެސް، ހޯމުޒް ކަނޑުއޮޅި ބަންދުކުރުން އީރާނުން ކުރިއަށްގެންދާނަމަ، އެ ތެޔޮ މަރުކަޒު އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އެހެންނަމަވެސް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، އެ ކަނޑުއޮޅީގެ ކޮންޓްރޯލް ދޫކޮށްލުމުގެ އެއްވެސް ނިޔަތެއް އެ ގައުމަކު ނެތެވެ.
އީރާނުގެ ވަރުގަދަ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ އެ މުހިންމު ސަރަހައްދުން، "އިސްތިއުމާރީ ބާރުތަކާއި އެފަރާތްތަކުގެ ބައިވެރިންގެ" އެއްވެސް ތެޔޮ ޓޭންކަރެއް ނުވަތަ ވިޔަފާރި އުޅަނދެއް ދަތުރުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ހަމައެއާއެކު، އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ކަތާއިބު ހިޒްބުالله އިން ވަނީ ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާދިން ކަމަށް ބުނެފައެވެ. މިއީ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމެރިކާގެ ސަފާރާއަށް ދިން ދެވަނަ ހަމަލާއެވެ. މި ހަމަލާ ދިންކަން އިރާގުގެ ސަލާމަތީ ދެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ނަމަވެސް، އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ނިއު ޔޯކް ޓައިމްސްއިން ކަށަވަރުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެމްބަސީ ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅުމަތީގައި ވަނީ އަލިފާން ރޯވެފައެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ އޮފިޝަލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.