އީރާނުގެ އާ ސުޕްރީމް ލީޑަރުގެ މަގާމަށް އަވަހާރަކޮށްލާފައިވާ އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފިއެވެ.
އީރާން ރިވޮލިއުޝަނަރީ ގާޑް (އައިއާރުޖީސީ) އާ ގާތް ގުޅުމެއް އޮންނަ ދީނީ އިލްމުވެރިއެއް ކަމަށްވާ މުޖުތަބާ އަކީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކެއްގައި އަވަހާރަކޮށްލި ބައްޕަ، ޚާމަނާއީގެ ފަހުން ދެން ވެރިކަންކުރާނެ ފަރާތް ކަމަށް މީގެކުރިންވެސް އޮތީ ބެލެވިފައެވެ.
އީރާނުގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި އާ ލީޑަރު ކަމަށް މުޖުތަބާ އައްޔަންކުރީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާ ދޭތާ ނުވަ ދުވަސް ފަހުންނެވެ.
"އުމުރުން 56 އަހަރުގެ މުޖުތާބާ ޚާމަނާއީ އިރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ މުޤައްދަސް ނިޒާމުގެ ތިން ވަނަ ލީޑަރަކަށް އައްޔަންކޮށް މި ތައާރަފްކުރަނީ ދީނީ އިލްމުވެރިންގެ އިއްޒަތްތެރި މެންބަރުންގެ ވޯޓަށް ރިއާޔަތްކޮށް." ދީނީ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި ޝައިތާނީ ޒަޔަނިސްޓުންނާއި މުޖުރިމު އެމެރިކާގެ އަނިޔާވެރިކަމަށް ޖެހިލުމެއް ނެތި، އާ ލީޑަރަކު އައްޔަން ކުރުމުގައި އެންމެ މިނެޓެއްވެސް ފަސް ޖެހުމެއް ނެތް ކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އީރާނުން އާ ލީޑަރަކު އައްޔަންކޮށްފައިވާއިރު، މުޖުތަބާއަކީ "އެެއްވެސް ބަރުދަނެއް" ނެތް ބޭފުޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި އާ ލީޑަރަކު އައްޔަންކުރުމުގައި އޭނާ ޝާމިލުކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެެމެރިކާގެ ރުހުން ނުލިބޭނަމަ، މާގިނަ ދުވަހު ވެރިކަމުގައި ނުހުރެވޭނެ ކަމަށްވެސް އީރާނުން އާ ލީޑަރު ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިން އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕު ވިދާޅުވިއެވެ.