އެމެރިކާއިން ދިން ހަމަލާގައި ތެހެރާނުގެ ޝަހްރާން ތެޔޮ އުފައްދާ ކާރުޚާނާގައި ރޯވުން --

ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަރައި، ހިއްސާގެ ބާޒާރު އިނދަޖެހިއްޖެ

ނާއިފް ހަލީމް
 
3 ގަޑިއިރު ކުރިން

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ފޯރަން ފަށާފައިވާއިރު، ސާފުނުކުރާ ތެލުގެ އަގު ފީފާއެއް 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބަލާ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު އާދީއްތަ ދުވަހު ވަނީ 20 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ. އަދި ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމުގައި ދިގުމުއްދަތުގެ ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެ، އެއް ފަހަރަކު ތެލުގެ އަގު ފީފާއެއް 114 ޑޮލަރަށްވެސް އެރިއެވެ. ހޯމަ ދުވަހުގެ ފަތިހު (ޖީ.އެމް.ޓީ ގަޑިން 02:30 ހާއިރު) ތެލުގެ އަގު ކުޑަކޮށް މަޑުޖެހިލި ނަމަވެސް، އަގު ހުރީ ފީފާއެއް 107.50 ޑޮލަރުގައެވެ.

މިއީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރި ފަހުން، ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

2024 ވަނަ އަހަރުގެ އިންތިޚާބީ ކެމްޕޭނުގައި ދިރިއުޅުމުގެ ޚަރަދުތަކާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތެލުގެ އަގަށް އައި މި ބޮޑު ބަދަލަށް މާބޮޑު ސަމާލުކަމެއް ނުދެއްވާފައެވެ.

"އީރާނުގެ ނިއުކްލިއާ ނުރައްކާ ނައްތާލެވުމުން ތެލުގެ އަގު ވަރަށް އަވަހަށް ތިރިވާނެ. މިއީ އެމެރިކާއާއި މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އުފުލަންޖެހޭ ވަރަށް ކުޑަ އަގެއް،" ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ "މިކަމާ މެދު ތަފާތު ގޮތަކަށް ވިސްނާނީ ހަމައެކަނި މޮޔައިން" ކަމަށެވެ.

އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވެސް ވަނީ ތެލުގެ އަގު އުފުލިދާނެ ކަމަށް ބެލެވޭ ބެލެވުންތަކަކީ މާ ބޮޑު ކަމެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ. އާދީއްތަ ދުވަހު ސީ.ބީ.އެސް ނިއުސްގެ 'ފޭސް ދަ ނޭޝަން' ޕްރޮގްރާމްގައި އޭނާ ވިދާޅުވީ ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކީވެސް "ވަގުތީ" ބަދަލެއް ކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ހަމަލާދޭން ފެށި ފަހުން، ސާފުނުކުރާ ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 50 އިންސައްތަ އުފުލިފައެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން ހުއްޓުވާފައެވެ. މިއީ މުޅި ދުނިޔެއަށް ބޭނުންވާ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު މަގުކަމަށްވާއިރު، މިކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ.

ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ (އޯޕެކް) ގައި ހިމެނޭ އެންމެ ބޮޑު ތިން ގައުމު ކަމަށްވާ އިރާގު، ޔޫ.އޭ.އީ އަދި ކުވެއިތުން މިހާރު ވަނީ ތެޔޮ އުފައްދާ މިންވަރު ދަށްކޮށްފައެވެ. އެއީ ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެޔޮ ބޭރުކުރެވޭނެ ގޮތެއް ނެތި، އުފައްދާފައިވާ ތެޔޮ ގުދަންކުރާނެ ޖާގަ ނެތުމުގެ ސަބަބުންނެވެ.