އީރާނުގެ ދެކުނުގައިވާ މީނާބް ސިޓީގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި 160 އަށްވުރެ ގިނަ ދަރިވަރުން މަރުވި ހާދިސާއާ ގުޅިގެން ޗައިނާއިން ފުން ހިތާމަފާޅުކޮށް، އެ ހަމަލާގައި މަރުވި ކުދިންގެ އާއިލާތަކަށް އެހީވެދޭން ނިންމައިފިއެވެ.
އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަސް ކަމަށްވާ، ފެބްރުއަރީ 28ގައި "ޝަޖަރަތުއްތައްޔިބާ" ސްކޫލަށް އަމާޒުވި މި ހަމަލާއަކީ އާންމުންނާއި އަސްކަރީ ނޫން ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް ޗައިނާއިން ވަނީ ސިފަކޮށްފައެވެ.
ޗައިނާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ކުށެއް ނެތް މަޢުޞޫމު ކުޑަކުދިންތަކެއްގެ ފުރާނަ ގެއްލިގެން ދިއުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މި ހާދިސާގައި މަރުވި ކުދިންގެ އާއިލާތަކަށް ޗައިނާގެ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ސްކޫލްތަކާއި ކުޑަކުދިންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މިއީ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި އިންސާނިއްޔަތުކަމާ ކަނޑައެޅިގެން ޚިލާފު އަމަލެކެވެ. ހަނގުރާމައިގެ ހާލަތްތަކުގައި ވެސް އާންމު ރައްޔިތުންނާއި، ޚާއްސަކޮށް ކުޑަކުދިންނާއި ސްކޫލްތައް ފަދަ މަދަނީ ތަންތަނަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭނެ ކަމެއްކަމަށް އެ ގައުމުން ވަނީ ގޮވާލާފައެވެ.