ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަދިވެސް ދަނީ މައްޗަށް --

ރިޒާވުން ރެކޯޑު މިންވަރަކަށް ތެޔޮ ބޭރުކުރަން ނިންމާފައިވީ ނަމަވެސް، ތެލުގެ އަގު އުފުލިއްޖެ

ނާއިފް ހަލީމް
 
1 ދުވަސް ކުރިން

ގަލްފް ސަރަހައްދުގައި ދަތުރުކުރަމުންދިޔަ އިތުރު ތިން މުދާ އުފުލާ ބޯޓަކަށް ހަމަލާދިނުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ. 

މި ހަމަލާތަކުގެ ސަބަބުން މުދާ އުފުލުމަށާއި ހަކަތައިގެ ވަސީލަތްތަކަށް ނުރައްކާވެދާނެތީ، ބައިނަލްއަގުވާމީ ބާޒާރުތަކަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ.

އޭޝިއާގެ ބާޒާރުތަކުގައި ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 9 އިންސައްތައަށްވުރެ މައްޗަށް ގޮސް، 100 ޑޮލަރަށްވުރެ މަތިވިއެވެ. ނަމަވެސް، ފަހުން އަގު ކުޑަކޮށް ދަށަށް ގޮސް މިހާރު ހުރީ ގާތްގަނޑަކަށް 97.50 ޑޮލަރުގައެވެ.

ތެލުގެ އަގު މިހާ ބޮޑަށް އުފުލިފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) އިން ރެކޯޑު މިންވަރެއް ކަމަށްވާ 400 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް ބުދަ ދުވަހު ނިންމާފައި ވަނިކޮށެވެ.

ހަކަތަ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ ބިރު އޮތުމުން، އެ ސަރަހައްދުގެ ދަތުރުފަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ތަރުޖަމާނަކު ބުދަ ދުވަހު ވިދާޅުވީ، އެމެރިކާ، އިސްރާއީލް ނުވަތަ އެ ގައުމުތަކާ ގުޅުންހުރި އެއްވެސް އުޅަނދަކަށް ހަމަލާދޭނެ ކަމަށެވެ.

"މަސްނޫއީ ގޮތެއްގައި ތެލުގެ އަގު ދަށްކުރުމުގެ ފުރުސަތެއް ނޯންނާނެ. ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އަރާނެ ކަމަށް ބަލާ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ތެލުގެ އަގު ބިނާވެފައިވަނީ ސަރަހައްދީ ހަމަޖެހުމުގެ މައްޗަށް ކަމަށާއި، އެ ސަރަހައްދުގައި ނުތަނަވަސްކަން އުފައްދާ މައިގަނޑު މަސްދަރަކީ ހުޅަނގުގެ ބާރުތައް ކަމަށެވެ.

ތެލުގެ އަގު އުފުލުމުގެ ސަބަބުން ހިއްސާގެ ބާޒާރުތަކަށްވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. އެގޮތުން ޖަޕާނުގެ ނިކޭ އިންޑެކްސް 1 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ލަންޑަނުގެ އެފް.ޓީ.އެސް.އީ 100 އިންޑެކްސް ބާޒާރު ހުޅުވުނުއިރު ވަނީ 0.6 އިންސައްތަ ދަށަށް ގޮސްފައެވެ.