އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާންގެ ހަމަލާތަކެއްގައި މަރުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކަށް އޭނާ ޖޯކު ޖަހައި މަލާމާތްކޮށްފި އެވެ.
ގުދުސްގެ ކެފޭއަކުން ހޫނު ކޮފީއެއް ގަންނަ ވީޑިއޯއެއް އެކްސްގައި ޕޯސްޓްކޮށް ނަތަންޔާހޫ ބުނީ "އަހަރެން ކޮފީއަކަށް މަރުވަނީ" ކަމަށެވެ. އޭނާ އެހެން ބުނެފައިވަނީ އެއްޗަކަށް މާބޮޑަށް ލޯބިވާ ނަމަ އެއަށް މަރުދެނީ ކަމަށް، ހިބްރޫ ބަހުން ބުނާ ބުނުމަކާ ގުޅުވަ އެވެ.
އެއަށް ފަހު އޭނާ ވަނީ ދެ އަތްތިލަ ކެމެރާއަށް ދެއްކުމަށް ފަހު "ކިތަން އިނގިލި އިންތޯ ގުނަން ބޭނުންތޯ" ވެސް އަހައިފަ އެވެ. އެއީ އޭނާ އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ވީޑިއޯގައި އަތުން ހަ އިނގިލި ފެންނަ ކަމަށާއި އެއީ އޭއައި އިން ހަދާފައިވާ ވީޑިއޯއެއް ކަމަށް ބުނާތީ އެކަމަށް ރައްދު ދީ ބުނި އެއްޗެކެވެ.
މި ވީޑިއޯގައި ވެސް ނަތަންޔާހޫ ވަނީ މިސައިލާއި ރޮކެޓް ހަމަލާތަކުން ސަލާމަތްވުމަށް ދޭ އިރުޝާދުތަކަށް ތަބާވާން އެދިފަ އެވެ. އޭނާއަށާއި ސަރުކާރާއި ސިފައިންނާއި ޖާސޫސީ އިދާރާ މޮސާދަށް ވެސް ލިބޭ ހިތްވަރަކަށް ވާނީ އާންމު ރައްކާތެރިވެ ތިބުން ކަމަށް އޭނާ ބުނެ އެވެ.