އާޔަތުﷲ ޚާމެނެއި

ޚާމަނާއީ: ގެއްލުނީ މުޅި މުސްލިމް އުންމަތުގެ ދިފާއުގައި ހުންނެވި އެންމެ ވަރުގަދަ ވެރިޔާ

ނާއިފް ހަލީމް
 
7 ގަޑިއިރު ކުރިން

އިސްލާމީ އުންމަތަށް ކުރިމަތިވާ ކޮންމެ ބޮޑު ހާދިސާއަކީ އޭގެ ސަބަބުން އުންމަތުގެ މުސްތަޤުބަލަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަންކަމެވެ. އެގޮތުން، އީރާނުގެ ރޫޙާނީ އިސްލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ ވަކިވެދިއުމަކީ މުޅި އިސްލާމީ އުންމަތަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ހިތާމައެކެވެ. އެއީ ހަމައެކަނި އީރާނުގެ ވެރިއެއް ނޫނެވެ. އެއީ އިސްލާމީ ދުނިޔޭގެ ހައްގުތަކާއި، ވަކިން ހާއްސަކޮށް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އަޑުއުފުއްލެވި އެންމެ ވަރުގަދަ ތަނބެވެ.

ޒުވާން ދުވަސްވަރާއި ސިޔާސީ ހަޔާތް

އާޔަތުﷲ ޢަލީ ޚާމަނާއީ އުފަންވެވަޑައިގަތީ 1939 ވަނަ އަހަރު އީރާނުގެ މަޝްހަދުގައެވެ. ޅަފަތުގެ ދުވަސްވަރުން ފެށިގެން ދީނީ އިލްމު އުނގެނުމަށް ލޯބިކުރެއްވި ޚާމަނާއީއަކީ ވިސްނުންތޫނު، ހިތްވަރުގަދަ ޝަހުސިއްޔަތެކެވެ. އީރާނުގެ ޝާހުގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް ފެށުނު އިސްލާމީ އިންގިލާބުގައި އެ މަނިކުފާނު އަދާކުރެއްވީ މުހިންމު ދައުރެކެވެ. މި މަސައްކަތުގެ ތެރޭގައި އެތައް ފަހަރަކު ޖަލަށްލެވި، އަނިޔާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ނަމަވެސް، އިސްލާމީ އުސޫލުތައް ނެގެހެއްޓުމުގައި ސާބިތުވެ ހުންނެވިއެވެ.

1979 ވަނަ އަހަރުގެ އިންގިލާބަށްފަހު، އީރާނުގެ ރައީސްކަން ދެ ދައުރަކު ފުރުއްވިއެވެ. 1989 ވަނަ އަހަރު އީރާނުގެ ބާނީ އާޔަތުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެން، އީރާނުގެ އެންމެ މަތީ ވެރިޔާ ނުވަތަ ސުޕްރީމް ލީޑަރުގެ މަގާމަށް ޚާމަނާއީ އިންތިޚާބު ކުރެވުނެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ވެވަޑައިގަތީ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ފާޅުގައި ތެދުވި އެންމެ ހަރުދަނާ ވެރިޔާއަށެވެ.

އުންމަތަށް ކޮށްދެއްވި ޚިދުމަތްތައް

ޚާމަނާއީގެ ޒައާމަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށެވެ. ވަކިން ހާއްސަކޮށް، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުންނަށް ދެއްވި އެހީތެރިކަމަކީ ތާރީޚު ހެކިވާނެ ކަމެކެވެ. ޣައްޒާއާއި ލުބުނާނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ސިޔާސީގޮތުންނާއި، އަސްކަރީގޮތުން އެންމެ ބޮޑު މަދަދެއް ދެއްވި ވެރިޔަކީ އެކަލޭގެފާނެވެ. ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައިވެސް، އީރާނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ހެއްދެވުމުގައި އެމަނިކުފާނުގެ ދައުރު ބޮޑެވެ.

ވަކިވެދިއުމާއި އުންމަތުގެ ޝުއޫރު

ޚާމަނާއީ އަވަހާރަވުމުގެ ޚަބަރާއެކު، މުޅި އިސްލާމީ ދުނިޔެއަށް ސިހުން ލިބިގެންދިޔައެވެ. އެ މަނިކިފާނު އަވަހާރަވީ ގައުމާއި އުންމަތުގެ ދިފާއުގައި އެތައް އަހަރަކު މިންނެތް މަސައްކަތްޕުޅުތަކެއް ކުރެއްވުމަށްފަހުގައެވެ. މި ހިތާމަވެރި ވަގުތުގައި މުސްލިމް އުންމަތުގެ ޝުއޫރުތައް ހުރީ ނުހަނު ފުން އަސަރަކާ އެކުގައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އިސްރާއީލާއި އެމެރިކާގެ ނުފޫޒުތަކަށް ނޫނެކޭ ބުނަން ކެރުނު އެންމެ ވަރުގަދަ އަޑު މިއަދު ވަނީ މެދުކެނޑިފައެވެ.

ނިންމާލަމުން ދަންނަވާނީ، އާޔަތުﷲ ޢަލީ ޚާމަނާއީއަކީ ހަމައެކަނި ސިޔާސީ ވެރިއެއް ނޫނެވެ. އެއީ މުސްލިމުންގެ ހިތްތަކުގައި ޖިހާދުގެ ރޫޙު އާލާކޮށްދެއްވި، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގެ ނަމޫނާ ދެއްކެވި ބަތަލެކެވެ. އެ މަނިކުފާނުގެ ވަކިވެދިއުމަކީ އުންމަތަށް ލިބުނު ބޮޑު ހީނަރުކަމެއް ނަމަވެސް، ޚާމަނާއީ ދެއްކެވި މަގަކީ އަބަދުވެސް މުސްލިމުންނަށް ހިތްވަރު ލިބޭނެ މަގެކެވެ. މާތްﷲ ޚާމަނާއީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.