ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމް އުންމަތުގައި ދިރި ތިބިބަޔަކަށް ލިބޭ މަތިވެރި ފުރުޞަތެކެވެ. މިއީ ހެޔޮކަމުގެ މޫސުމެވެ. ފާފަ ފުއްސެވުމާއި، ނަރަކައިން މިންޖުވުމުގެ މޫސުމެވެ. މި މަތިވެރި މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި، ތިރީގައިވާ ހަތް ކަންތަކާ މެދު ޣާފިލުނުވެ، އެކަންކަމަށް ސަމާލުކަން ދިނުމަކީ ކޮންމެ މުސްލިމަކަށްމެ ނުހަނު މުހިންމު ކަމެކެވެ.
އީމާންކަމާއެކު ދަރުމައަށް އެދި ރޯދަހިފުން
ރޯދައަކީ ރަމަޟާންމަސް ޚާއްޞަވެގެންވި، އެ މައްސަރުގެ ވާ އެއްމެ މަތިވެރި ވާޖިބެވެ. ރޯދަ ހިފަންވާނީ ހިތުގެ އިޚްލާޞްތެރިކަމާއެކު، اللّٰه سبحانه وتعالى ގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދޭ ޙާލުގައެވެ. ރަސޫލު اللّٰه صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: "مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" (މާނައީ: "އީމާންކަމާއެކު، ދަރުމައަށް އެދި ރަމަޟާން މަހު ރޯދަހިފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާ ހުއްޓެވެ.")أخرجه البخاري (2014)، ومسلم (760)
އީމާންކަމާއެކު ދަރުމައަށް އެދި ރޭއަޅުކަން ކުރުން
ރޭއަޅުކަންތަކަކީ މި މަހުގެ ހިފާ ރޯދައަށްފަހު އެންމެ މުހިންމު އެއް އަޅުކަމެވެ. މިކަމާ ބެހޭގޮތުން އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: "مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" أخرجه مسلم (759) (މާނައީ: "އީމާންކަމާއެކު، ދަރުމައަށް އެދި ރަމަޟާން މަހު ރޭއަޅުކަން ކުރި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާ ހުއްޓެވެ.")
ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުން
ރަމަޟާން މަހަކީ ޤުރުއާނުގެ މަހެވެ. اللّٰه سبحانه وتعالى ވަޙީކުރެއްވިއެވެ: "شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ..." (البقرة: 185) (މާނައީ: "ރަމަޟާން މަހަކީ އެ މަހެއްގައި ކީރިތި ޤުރުއާން ބާވައިލެއްވި މަހެވެ.") އެހެންކަމުން، މި މަހުގައި ވީހާވެސް ގިނައިން ޤުރުއާން ކިޔަވައި، އޭގެ މާނައާ މެދު ފިކުރު ހިންގުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކާބޯތަކެތި ދިނުމާއި، ދީލަތިވުމާއި، ޞަދަޤާތް ދިނުން
ރޯދަވެރިންނަށް އިފްޠާރު ދިނުމާއި، ފަގީރުންނަށް އެހީވުމަކީ ރަމަޟާން މަހުގެ ރޫޙާ ގުޅިފައިވާ ކަމެކެވެ. ރަސޫލާ صلى الله عليه وسلم އަކީ އެހެން މަސްތަކަށްވުރެ ރަމަޟާން މަހުގައި ދީލަތިކަން އިތުރު ކުރައްވާ ބޭކަލެކެވެ. ހަދީޘްފުޅެއްގައިވެއެވެ: "مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ..." التخريج : أخرجه ابن ماجه (1746) (މާނައީ: "ރޯދަވެރިއަކަށް ރޯދަވީއްލުން ދިން މީހަކަށް، އެ ރޯދަވެރިޔާގެ އަޖުރާއި އެއްވަރުގެ އަޖުރު ލިބޭނެއެވެ.")
މިސްކިތްތަކުގައި ވަގުތު ހޭދަކުރުމާއި އިޢުތިކާފު ގައި އިނުން
އަޅުކަމުގައި މިސްކިތްތަކުގައި ވަގުތު ހޭދަކުރުމަކީ ހިތަށް ދިރުން ލިބޭ ކަމެކެވެ. ޙާއްޞަކޮށް މިސްކިތުގައި ރޯދަމަހު ދުވާލު ޤުރްއާން ތިލާވަތުކުރުމަށް ވަޤުތުކޮޅެއް ހޭދަކުރުމަކީ ރޯދައަށް ލިބޭ ރައްކާތެރިކަމެއް އަދި ހެޔޮޢަމަލުތައް އިތުރުވެދާނެ ކަމެކެވެ ޚާއްޞަކޮށް ފަހު ދިހައިގައި އިޢުތިކާފަށް އިށީނުމަކީ ސުންނަތެކެވެ. އަދި ޚާއްޞަވެގެންވާ ތިން މިސްކިތް ކަމުގައިވާ މަސްޖިދުލް ޙަރާމް، މަސްޖިދުއް ނަބަވީ، އަދި މަސްޖިދުލް އަޤްޞާގައި އަޅުކަން ކުރުމަކީ މަތިވެރިވެގެންވާ ކަމެކެވެ.
ކުޅަދާނަކަން ލިބިގެންވާނަމަ ޢުމްރާއެއްވުން
ރަމަޟާން މަހުގެ ޢުމްރާއަކީ ޙައްޖަކާ އެއްވަރުގެ ޘަވާބު ލިބޭ ކަމެކެވެ. ރަސޫލު اللّٰه صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: "فَإِنَّ عُمْرَةً فِي رَمَضَانَ تَقْضِي حَجَّةً أَوْ حَجَّةً مَعِي" (މާނައީ: "ހަމަކަށަވަރުން ރަމަޟާން މަހު ކުރާ ޢުމްރާއަކީ ޙައްޖަކާ އެއްވަރުގެ ކަމެކެވެ. ނުވަތަ ތިމަންކަލޭގެފާނާ އެކު ކުރާ ޙައްޖަކާ އެއްވަރުގެ ކަމެކެވެ.")متفقٌ عليهِ.
ދުޢާކުރުންމަތީ ދެމިހުރުން
ރަމަޟާން މަހަކީ ދުޢާ އިޖާބަ ކުރެއްވުން ގާތްވެގެންވާ މަހެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: "ثَلَاثَةٌ لَا تُرَدُّ دَعْوَتُهُمْ: الصَّائِمُ حَتَّى يُفْطِرَ..." (މާނައީ: "ތިން މީހެއްގެ ދުޢާ ރައްދު ނުކުރެއްވޭނެއެވެ. އޭގެ ތެރޭގައި ރޯދަވެރިޔާ ރޯދަ ވީއްލައިފުމަށް ދާންދެން ކުރާ ދުޢާ ހިމެނެއެވެ.")جامع الترمذي
އެހެންކަމުން، މި ބަރަކާތްތެރި މަހުގެ ދުވަސްތައް ނިމިގެންދާއިރު، އަޅުގަނޑުމެންނީ މި ހަތް ކަންތަކަށް ސަމާލުކަންދީ، اللّٰه ގެ ރުހިވޮޑިގަތުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ. اللّٰه އަޅުގަނޑުމެންގެ ރޯދައާއި އަޅުކަންތައް ޤަބޫލުކުރައްވާށި! އާމީން.