މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އިޖުތިމާޢީ ޒިންމާގެ ދަށުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ "އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ" މި އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދަން ފަށައިފިއެވެ.
ނިމިދިޔަ އަހަރު މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބާ ގުޅިގެން، މިއަހަރުވެސް މި ޙަރަކާތް މުޅި ރަމަޟާން މަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ކޮންމެ ދުވަހަކުވެސް ރޯދަވީއްލުމަށް ބޭނުންވާ "އިފްތާރ މީލް ޕެކް" ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ ރަމަޟާން މަހުގެ މަތިވެރި ރޫޙާ އެއްގޮތަށް، އެކަކު އަނެކަކަށް އެހީތެރިވެ، އެކުވެރިކަމާއި އޯގާތެރިކަން އާލާކުރުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ. މީގެ އިތުރުން، މިއީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެއްބައެއްވަންތަކާމާއި ބަދަހި ގުޅުން ދެމެހެއްޓުމަށް އެ ކުންފުނިން ކުރާ މުހިންމު މަސައްކަތެކެވެ.
ތަކެތި ހަދިޔާކުރުމުގެ ފުރުޞަތު
އިފްތާރ މީލް ޕެކް ބެހުމުގެ ޙަރަކާތް ކުރިއަށްދާނީ ފެން ބިލްޑިންގގެ މައި ދޮރުމަތީގައި މިކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ޓެންޓުގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވެ، ރޯދަވީއްލުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ ފުރުޞަތު އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ވަނީ ހުޅުވާލެވިފައެވެ.

ގޭގައި ތައްޔާރުކުރާ ކާބޯތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ކޮންމެ ދުވަހަކު ހަވީރު 4:30 އިން 5:45 އާ ދެމެދު އެ ޓެންޓަށް ތަކެތި ގެންދިއުމަށް އެ ކުންފުނިން އެދެއެވެ. ސިއްޙީ ރައްކާތެރިކަމަށް ބަލައި، ހަދިޔާކުރާ ތަކެތި ހުންނަންވާނީ ފޮއިލް ކޮންޓޭނަރުގައި ރަނގަޅަށް ބަންދުކޮށްފައެވެ.
މި ޙަރަކާތަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމަޢަށް ފައިދާހުރި ކަންކަން ކުރުމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ދޭ ސަމާލުކަމާއި، އިޖުތިމާޢީ ކަންކަމުގައި އެ ކުންފުނިން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ކަމެކެވެ.