الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ اجمعين
ރަމަޟާން މަހަކީ ބަރަކާތްތެރި މައްސަރެކެވެ. ބަރަކާތަކީ ހެޔޮކަން އިތުރުވެގެންވުމެވެ. ރަމަޟާން މަހުގައި ހެޔޮކަންތައްތައް އިތުރުވެގެންވާ ވަރަކަށް އެހެން އެއްވެސް މައްސަރެއްގައި ހެޔޮކަން އިތުރުވެގެންނުވެއެވެ.
ރަމަޟާން މަހަކީ މަތިވެރިކަމާއި ބަރަކާތުން ފުރިގެންވާ، ރަޙުމަތުގެ މައްސަރެކެވެ. މި ބަރަކާތްތެރި މައްސަރަކީ ރޯދަހިފުމާއި، ރޭއަޅުކަން ކުރުމާއި، ސުންނަތް ނަމާދުތަކަށް ރައްކާތެރިވުމުގެ އިތުރުން ކީރިތި ޤުރުއާން ތިލާވަތުކުރުމުގައި މަޝްޣޫލުވާންޖެހޭ މޫސުމެކެވެ. މިއީ ފާފަފުއްސެވުމާއި ނަރަކައިން މިންޖުކުރެއްވުމުގެ މަތިވެރި ފުރުޞަތު ލިބިގެންވާ، އަދި އުންމަތުގެ މެދުގައި އޯގާތެރިކަމާއި ޞަދަޤާތްދިނުން އިތުރުކުރަންޖެހޭ މައްސަރެކެވެ.
ލޮބުވެތި ނަބިއްޔާ ﷺ މި މައްސަރާއި ބައްދުލުވާހިނދު އެކަލޭގެފާނުގެ އަޞްޙާބުންނަށް އުފާވެރި ޚަބަރު ދެއްވަމުން ހަދީޘް ކުރައްވައެވެ: އިމާމް އަހްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: قدْ جاءَكمْ شهرُ رمضانَ، شهرٌ مباركٌ افترضَ اللهُ عليكُمْ صيامَهُ، يفتحُ فيهِ أبوابُ الجنةِ، ويغلقُ فيهِ أبوابُ الجحيمِ، وتغلُّ فيهِ الشياطينُ، فيهِ ليلةٌ خيرٌ مِنْ ألفِ شهرٍ، مَنْ حُرِمَ خيرَها فقدْ حرِمَ.
ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. (އެއީ) ބަރަކާތްތެރި މަހެކެވެ. ﷲ ޢައްޒަ ވަޖައްލަ ވަނީ އެ މަހުގެ ރޯދަ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވާފައެވެ. އެ މަހުގައި ސުވަރުގޭގެ ދޮރުތައް ހުޅުވިގެންދެއެވެ. އަދި އެ މަހުގައި ނަރަކައިގެ ދޮރުތައް ބަންދުވެގެންދެއެވެ. އަދި އެ މަހުގައި ޝައިތާނުންތައް ކަސްތަޅު އެޅުވިގެންދެއެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް އެ މަހުގައި ވެއެވެ. އެ ރޭގެ ހެޔޮކަމުން މަހްރޫމުވެއްޖެ މީހާ، ފަހެ ހަމަކަށަވަރުން މަހްރޫމުވެއްޖެއެވެ.
ކީރިތި ރަސޫލާ ﷺ ޚަބަރުދެއްވާފައިވާ ގޮތުގައި، މި މަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ހެޔޮކަންކަމުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. މިއީ ދުޢާތައް އިޖާބަކުރައްވައި، ރޯދަވެރިޔާގެ ދަރަޖަ މަތިވެރިކުރައްވާ މައްސަރެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީލަތިވަންތަކަމުން، އިޚްލާޞްތެރިކަމާއެކު ރޯދަހިފާ މީހާގެ ފާއިތުވި ފާފަތައް ފުހެވި، އެކަންކަމުގެ ކައްފާރާއެއްގެ ގޮތުގައި މި މަސް ލައްވާފައިވެއެވެ.
މުއުމިނުންނަށް ވާ ރަޙްމަތެއްގެ ގޮތުން، މި މަހުގައި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ މި މަހުގައިވާ ގިނަގުނަ ހެޔޮކަމާއި، ނަރަކައިން މިންޖުކުރެވޭ މީހުން ގިނަކަމުން، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވެއެވެ
މި މައްސަރުގެ އެންމެ ޚާއްޞަ އެއް ސިފައަކީ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލްޤަދުރި ވިލޭރޭ މި މަހުގެ ތެރޭގައި ހިމެނިގެންވުމެވެ. އެ ރޭގައި ކުރެވޭ އަޅުކަމުގެ ޘަވާބު، އެހެން އެތައް ޒަމާނެއްގެ އަޅުކަމަށްވުރެ އިތުރުވެގެންވެއެވެ
މި މައްސަރުގެ ހެޔޮޢަމަލުތަކުގައި ވަޤުތު ހޭދަކުރުމަށް ޚާއްޞަ ސަމާލުކަންދޭންވާނެއެވެ، ރޯދަވެރިއާ ރޯދައަށް ހުންނަހިނދު ރޯދައިގެ ޘަވާބާއި ދަރުމަ އުނިވެދާނެ އެއްމެހާ ކަންތައްތަކުން ދުރުވެގަތުން ވާޖިބްވެގެންވެއެވެ. އިމާމް ބުޚާރީ ރިވާކުރައްވާފައިވާ ހަދީޘެއްގައި ވެއެވެ: (مَنْ لَـمْ يَدَعْ قَوْلَ الزُّورِ والعَمَلَ بِهِ ، فَلَيسَ لِلَّهِ حَاجَةٌ بِأَنْ يَدَعَ طَعَامَهُ وشَرَابَهُ) މާނައީ: ދޮގު ވާހަކަތައް ދެއްކުމާއި އެފަދަ ބާޠިލު ޢަމަލުތަކުން ޢަމަލުކުރުން ދޫކޮށް ނުލާ މީހަކު އޭނާގެ ކެއުމާއި ބުއިން ދޫކޮށްލުމަކަށް ﷲ އަށް އެކަމުގެ އެއްވެސް ޙާޖަތެއް ނުވެއެވެ. މިފަދަ ޢަމަލުތަކުން ދުރުނުވާ މީހާ ރޯދައިން ލިބެންޖެހޭ މަތިވަރި ޘަވާބާއި ދަރުމަ ނުލިބޭނޭ މީހެއްފަދައެވެ،
މި މައްސަރުގެ ބަރަކާތާއި މަތިވެރި ޘަވާބާއި ދަރުމަ ލިބިގަތުމަށްޓަކައި އެއްމެފުރިހަމަ ގޮތުގައި ޢަމަލުތައް ބެހެއްޓުމުގެ ހެޔޮތައުފީޤް އަޅަމެން އެއްމެނަށް ދެއްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.