އީރާނުގެ އަސްކަރިއްޔާގެ މެމްބަރުން

ޓްރަމްޕް ޖެހި ހިސާބާއި އީރާނުގެ އަސްކަރިއްޔާގެ އަމަލުތަކާއި ދީމާ ނުވޭ!

މުހައްމަދު ހަމީޒް
 
9 ގަޑިއިރު ކުރިން

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ސިފައިންނަށް ހަތިޔާރު ބެހެއްޓުމަށް ނުވަތަ މަރުގެ ކުރިމަތިލުމަށް އިންޒާރު ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ހަތިޔާރު ބަހައްޓާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމަށާއި، އެހެން ނޫން ނަމަ ކުރިމަތިލާން ޖެހޭނީ ޔަގީންވެގެންވާ މަރާ ކަމަށެވެ.

ނަމަވެސް، ޓްރަމްޕްގެ މި ގޮވާލުމަށް އިޖާބަ ދިނުމުގެ ބަދަލުގައި އައިއާރުޖީސީން ވަނީ އިސްރާއީލަށާއި އެމެރިކާގެ މަސްލަހަތު އޮތް އަރަބި ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. އަދި އިސްރާއީލާއި އެމެރިކާއާއި ގުޅިގެން އީރާނަށް ދިން ހަމަލާގައި އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ އެގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ.

އައިއާރުޖީސީ އަކީ ކޮބައި؟

އައިއާރުޖީސީ އަކީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު އުފެއްދި، އީރާނުގެ ގާނޫނު އަސާސީން ބަލައިގަންނަ އަސްކަރީ ބާރެކެވެ. މި ބާރު ސީދާ ޖަވާބުދާރީވަނީ ގައުމުގެ އެންމެ މަތީ ދީނީ ވެރިޔާއަށެވެ. މީގެ ތެރޭގައި އެއްގަމާއި، ކަނޑާއި، ވައިގެ ސިފައިންގެ އިތުރުން 'ބަސީޖް' ނަމަކަށް ކިޔާ ޕެރާމިލިޓަރީ ފޯސްއެއް ހިމެނެއެވެ. އަދި ގައުމުން ބޭރުގައި ހިންގާ ހާއްސަ އޮޕަރޭޝަންތަކަށް 'ގުދުސް ފޯސް' ވެސް އޮވެއެވެ.

އައިއާރުޖީސީގެ މައިގަނޑު މަގްސަދަކީ އިސްލާމީ އިންގިލާބު ދިފާއުކުރުމެވެ. މި ލަޝްކަރުގައި ގާތްގަނޑަކަށް 190,000 ހަރަކާތްތެރި ސިފައިން ތިބިއިރު، ރިޒާވް ސިފައިންނާއެކު މި އަދަދު 600,000 އަށް އަރައެވެ. އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ނިއުކްލިއާ ސައިޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ވެސް މި ޖަމާއަތުންނެވެ.

ސިޔާސީ އަދި އިގްތިސާދީ ނުފޫޒު

އައިއާރުޖީސީ އަކީ ހަމައެކަނި އަސްކަރީ ބާރެއް ނޫނެވެ. މިއީ އީރާނުގެ ސިޔާސީ އަދި އިގްތިސާދީ އޮނިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައިވާ މުއައްސަސާއެކެވެ. 1980-88 ގެ އީރާން-އިރާގު ހަނގުރާމައަށްފަހު، އެގައުމުގެ އުމްރާނީ ތަރައްގީއާއި، މުވާސަލާތާއި، މައިނިން އަދި ތެލުގެ ސިނާއަތުގައި އައިއާރުޖީސީއާ ގުޅުންހުރި ކުންފުނިތަކުގެ ބޮޑު ހިއްސާއެއް އޮވެއެވެ.

އެމެރިކާއިން 2019 ވަނަ އަހަރު އައިއާރުޖީސީއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ޔޫރަޕްގެ އިއްތިހާދުން ވެސް ވަނީ 2026 ވަނަ އަހަރު އެފަދައިން ނިންމާފައެވެ. ޓްރަމްޕްގެ ގޮވާލުމަށް އައިއާރުޖީސީގެ ސިފައިން އިޖާބަ ނުދިނީ، އެމީހުންގެ އަގީދާއާއި އިގްތިސާދީ މަސްލަހަތުތައް އީރާނުގެ މިހާރުގެ ނިޒާމާ ވަރަށް ބޮޑަށް ގުޅިފައިވުމުން ކަމަށް ބެލެވެއެވެ.

ބަސީޖް އަކީ ކޮބައި ހެއްޔެވެ؟

1979 ވަނަ އަހަރު ޚުމައިނީ އުފެއްދެވި ބަސީޖް އަކީ އައި.އާރް.ޖީ.ސީ ގެ ދަށުން ހިންގާ، ހިލޭސާބަހަށް މަސައްކަތްކުރާ ޕެރާމިލިޓަރީ ފޯހެކެވެ. މީގައި ބައިވެރިވަނީ ގައުމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން އެކަމަށް އިޖާބަދޭ އާންމު ރައްޔިތުންނެވެ. ނަމަވެސް، ބައެއް ދިރާސާވެރިން ބުނާ ގޮތުގައި ޒުވާނުން މި ގްރޫޕާ ގުޅެނީ ލިބޭ އިނާޔަތްތަކާއި އިގްތިސާދީ ފުރުސަތުތަކުގެ ބޭނުމުގައެވެ.

އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯ އިން އަންދާޒާކުރާ ގޮތުގައި މި ގްރޫޕުގައި 450,000 މީހުން ހަރަކާތްތެރިވެއެވެ. މީގެ ތެރޭގައި މުއާސަލާތީ ކަންކަމާއި އިޖުތިމާއީ އަދި ސަގާފީ ޕްރޮގްރާމްތައް ހިންގާ މީހުންވެސް ހިމެނެއެވެ.

ބަސީޖްގެ މެންބަރުން އާންމުކޮށް ނެރެނީ މުޒާހަރާތައް ހުއްޓުވުމުގެ ކުރީ ސަފަށެވެ. އަދި ފަހަކަށް އައިސް ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތައް ހުއްޓުވުމުގައި އެމީހުން ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ. މީގެ ތެރޭގައި 2009 ވަނަ އަހަރުގެ ގްރީން ރިވޮލިއުޝަނާއި، 2022-23 ގެ "ވުމަން، ލައިފް، ފްރީޑަމް" މުޒާހަރާތައް ހިމެނެއެވެ.

އީރާން-އިރާގު ހަނގުރާމައިގެ ދުވަސްވަރު، ބަސީޖްގެ މެންބަރުން އަމިއްލައަށް އެދިގެން ހަނގުރާމައިގެ ކުރީ ސަފަށް ނުކުތެވެ. އެމީހުންނަށް ބާރުއެޅީ "ޝަހީދުވުމުގެ މިޝަންތައް" ފުރިހަމަކުރުމަށެވެ. އެގޮތުން، ތަޖުރިބާކާރު ސިފައިންނަށް ކުރިއަށް ދިއުމަށް މަގުކޮށައިދިނުމުގެ ގޮތުން، "ހިއުމަން ވޭވްސް" ނުވަތަ އިންސާނީ ރާޅުތަކެއްގެ ސިފައިގައި ގޮސް މައިންްފީލްޑްތައް (ބޮން ވަޅުލާފައިވާ ސަރަހައްދުތައް) ސާފުކުރިއެވެ.

އެމީހުން ޓްރަމްޕްގެ ބަސް އަހާނެ ހެއްޔެވެ؟

ކުރުކޮށް ބުނާނަމަ، އޭގެ ޖަވާބަކީ "ނޫނެކެވެ". މިޑްލް އީސްޓްގެ ކުރީގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް މައިކަލް މުލްރޯއީ އަލްޖަޒީރާއަށް ވިދާޅުވީ: "އީރާނުގައި އެންމެ މަތީ ލީޑަރު ހުންނެވި ނަމަވެސް، ދީނީ އިލްމުވެރިންނާއި، އަސްކަރިއްޔާއާއި، އައި.އާރް.ޖީ.ސީ އާއި ޖާސޫސީ އިދާރާތަކުގެ ތެރޭގައި ބާރުގެ އެކި މަރުކަޒުތައް އެބަހުއްޓެވެ. ރައީސް ޓްރަމްޕާއި އިސްރާއީލުން ކުރާ ކަންކަމަށް އެމީހުން ބޯލަނބާނެ ކަމަކަށް ނުބެލެވެއެވެ."

"މިހާރު އެމީހުން ދައްކަމުންދާ ހުރިހާ ވާހަކަތަކަކުން، އޭގެ ތެރޭގައި އަލީ ލާރިޖާނީގެ ފަހުގެ ބަޔާންތަކުންވެސް އެނގެނީ، އެމީހުން ގަސްދުކުރަނީ މިކަން އިތުރަށް ވަރުގަދަކޮށް، މުޅި ސަރަހައްދު ބޮޑު ހަނގުރާމައަކަށް ކޮށްޕާލުމަށް ކަމެވެ. މީގެ މަގްސަދަކީ ހަމައެކަނި އެމެރިކާއަށް ދަތިކުރުމެއް ނޫން، ސަރަހައްދުގެ ގަލްފް ގައުމުތަކަށްވެސް ވޭންދެނިވި ގެއްލުންތަކެއް ދިނުމެވެ،" އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީއަށް އިޝާރާތްކުރައްވައި މުލްރޯއީ ވިދާޅުވިއެވެ.

އިސްލާމީ އިންގިލާބަށާއި އެންމެ މަތީ ލީޑަރަށް އޮންނަ ވަފާތެރިކަމަކީ އައި.އާރް.ޖީ.ސީ ގެ މައިގަނޑު އަސާސްތަކެވެ. ނަމަވެސް އޭގެ އިތުރުން، ގިނަ މެންބަރުންނަށް ލިބޭ އިގްތިސާދީ އަދި އިޖުތިމާއީ ބާރުގެ ސަބަބުން، އެމީހުން އެ މަގާމުތައް ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ.

ހަގީގަތުގައި، ބައެއް ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި އީރާނަށް ދެވޭ ހަމަލާތަކާއި ޚާމަނާއީ އަވަހާރަކޮށްލުމަކީ އީރާނުގެ ދައުލަތުގެ މައްޗަށް އައި.އާރް.ޖީ.ސީ އިން ބާރުފޯރުވާ މިންވަރު އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.

އެޓްލާންޓިކް ކައުންސިލްގެ ސްކޯކްރޮފްޓް މިޑްލް އީސްޓް ސެކިއުރިޓީ އިނީޝިއޭޓިވްގެ ޑިރެކްޓަރު ޖޮނަތަން ޕެނިކޮފް ވިދާޅުވީ، އީރާނުގެ މިހާރުގެ ސަރުކާރު ނިމުމަކަށް އައުމުން ޑިމޮކްރަސީއެއް ގާއިމުވުމަށްވުރެ ބޮޑަށް ގާތީ "އަސްކަރީ ކޮންޓްރޯލް އޮތް ދައުލަތެއް" އުފެދުމެވެ. އެފަދަ ދައުލަތެއްގައި އާ ސުޕްރީމް ލީޑަރަކީ ހަމައެކަނި ރަމްޒީ ބޭފުޅަކަށް ވެދާނެ ކަމަށާއި، ހަގީގީ ބާރު އޮންނާނީ އައި.އާރް.ޖީ.ސީ ގެ އަތްމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާމަނާއީގެ މަރަށްފަހު ޓްރަމްޕްގެ ވައުދުގެ އެއްވެސް ނުފޫޒެއް އޮންނާނެ ހެއްޔެވެ؟

އެއީ ވުން ދުރު ކަމެކެވެ. އީރާނަށް އައި ލޮޅުންތަކުން ފުރިގެންވާ އަހަރަކަށްފަހުވެސް، އައި.އާރް.ޖީ.ސީ އަދިވެސް އޮތީ ގައުމުގެ ފުރިހަމަ ކޮންޓްރޯލްގައެވެ. 2025 ވަނަ އަހަރު އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައަށްފަހު، ގައުމުގެ ރޫހީ ދިރުން އާލާކޮށް އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި، އިޖުތިމާއީ މިނިވަންކަން ދިނުމަށާއި ޒުވާނުންނާ ގާތުން މަސައްކަތްކުރާނެ މުޝީރުން އައްޔަންކުރުމަށް ސަރުކާރުން މަސައްކަތް ކުރިއެވެ.

އެހެންނަމަވެސް، ޖެނުއަރީ މަހުގެ ތެރޭގައި އީރާނުގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަރަށް ބޮޑަށް ފެތުރިގެންދިޔައެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި މީގެ މައިގަނޑު ސަބަބަކީ ގިނަ އަހަރުތަކެއް ވަންދެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ސަރުކާރުގެ އިދާރީ ހިންގުން ދަށްވުމުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިތަކެވެ.

ޖަމާއަތުގެ އިންތިޒާމީ ގާބިލުކަމަށް ބަލާއިރު، 2025 ގެ ހަނގުރާމައިގައި އަވަހާރަކޮށްލި ލީޑަރުންގެ ބަދަލުގައި އާ ލީޑަރުން ވަނީ އައްޔަންކޮށްފައެވެ. އަދި އެ ދުވަސްވަރު، ޚާމަނާއީގެ ފަހުން ވެރިކަމަށް އަތުވެދާނެ ތިން ބޭފުޅަކު ކަނޑައަޅުއްވައި، އަސްކަރިއްޔާގެ ކޮމާންޑް ޗެއިންގެ އެކި މަގާމުތަކަށް އާ ބޭފުޅުން އައްޔަންކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.