ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ، އުންމީދުތަކާ ގުޅިފައިވާ ތަނެކެވެ. ނަމަވެސް، މި ސަރަހައްދުތަކުން މިއަދު ފެންނަމުންދާ އެންމެ ހިތްދަތި އަދި އެންމެ ހުތުރު މަންޒަރަކީ، ފްލެޓުތަކުގެ އާންމު ސަރަހައްދުތަކާއި ސިޑިގޮޅިތަކަށް ކުނި އެޅުމުގެ މައްސަލައެވެ. މިއީ ހަމައެކަނި ތަނުގެ ރީތިކަން ގެއްލޭ ކަމެއް ނޫނެވެ. މިއީ ދިރިއުޅޭ މީހުންގެ ސާފުތާހިރުކަމާއި، ފަރުދީ ޒިންމާއާ މެދު ސުވާލު އުފެދޭ ބޮޑު މައްސަލައެކެވެ.
އެންމެ ފަހުން މީހުން ދިރިއުޅެން ފެށި އެފްޑީސީ (އަމާން ފްލެޓް) ތަކަށް ބަލާއިރު، އެ ތަންތަނަށް މީހުން ބަދަލުވާން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް، އާންމު ސަރަހައްދުތަކަށް ކުނި އެޅުމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. ސިޑިމަތީގައާއި، ލިފްޓު ކައިރީގައި ކުނި ކޮތަޅުތައް ބެހެއްޓުމަކީ މިހާރު އާންމު ކަމަކަށް ވެއްޖެއެވެ. މީގެ އިތުރުން، ހިޔާ ޓަވަރުތަކުގެ ތިރީބައި ވަނީ ކުނިގޮނޑަކަށް ބަދަލުވެފައެވެ. އިމާރާތުގެ މަތިން ކުނި އުކާލުމާއި، ކޮންމެ ތަނަކަށް ވެސް ކުނި އެޅުމުގެ ނުބައި އާދަ ވަނީ އަށަގެންފައެވެ. މިއީ ނުހަނު ހުތުރު، އަދި ދިވެހިންގެ ތަހުޒީބީ މުޖުތަމައަކާ ވެސް ނުބައްދަލު އަމަލެކެވެ.
މި މައްސަލައާ ގުޅިގެން ދޯދި ފްލެޓްގައި ދިރިއުޅޭ އުމުރުން ދުވަސްވީ ރައްޔިތަކު ކަންބޮޑުވުމާއެކު ބުނީ، މިއީ ހިތާމަހުރި ކަމެއް ކަމަށެވެ.
"އަހަރެމެން މިތަނަށް ބަދަލުވީ އުފަލުގައި ދިރިއުޅެން. ނަމަވެސް ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން ނޭވާލާން ވެސް އުނދަގޫވޭ. ކޮންމެ މީހަކުވެސް ތިމާގެ ކުނިކޮތަޅު ކަނޑައެޅިފައިވާ ތަނަށް ގެންދިއުމަކީ އެހާ އުނދަގޫ ކަމެއް ނޫން،" އޭނާ ބުންޏެވެ.
ހިޔާ ޓަވަރުތަކުން ވެސް ފެނުނީ މި ނާތަހުޒީބީ މަންޒަރެވެ. ޖެހުނު ތަނަކަށް ބޮޑެތި ސޯފާއާއި އަލަމާރި ވެސް އުކައިފައެވެ. ގޮނޑުކުރުމުގައި އެޔެއް މިއެއް ނުބަލައެވެ.
ކުނި އުކާލުމުގައި ދަތިތަކެއް ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ކުނި އުކާލުމުގެ އިންތިޒާމްތައް ހުރި ގޮތުން އުނދަގޫވާ ކަމަށް ބުނެ، ގިނަ ބަޔަކު މިކަން ދިފާއު ކުރަން އުޅެއެވެ. ނަމަވެސް، މިއީ އެއްގޮތަކަށް ވެސް ދެއްކޭނެ ބަހަނާއެއް ނޫނެވެ. ކުނި އުކުމުގެ އިންތިޒާމްތަކާ ގުޅޭގޮތުން ޒުވާނަކު ބުނީ، ވެމްކޯގެ އިންތިޒާމްތަކަށް ބަލާއިރު ބައެއް ފަހަރު ލަސްވުންތަކެއް އުޅޭ. އެކަމަކު އެއީ ސިޑިމައްޗަށް ނުވަތަ ލިފްޓު ކައިރިއަށް ކުނި އަޅަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
" އަހަރެމެން އަމިއްލައަށް މި ތަންތަން ހަޑިކުރީމާ އޭގެ ގެއްލުން ލިބޭނީ ހަމަ އަހަރެމެންނަށް،" ޒުވާނާ ބުންޏެވެ.
ތިމާ ދިރިއުޅޭ މާހައުލަކީ ސާފުތާހިރު ތަނަކަށް ހެދުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ. އިސްލާމްދީނުގައި ވެސް ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި ކަމުގައި އަންގަވާފައިވާއިރު، އަވަށްޓެރިންނަށް އުނދަގޫވާނެހެން ކުނި އެޅުމަކީ ދީނީ ގޮތުން ވެސް ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެކެވެ.
ފްލެޓުތަކުގެ ތިރީގައި ކުނި ޖަމާވުމުން އެ ސަރަހައްދުގައި ނުބައި ވަސް ދުވުމުގެ އިތުރުން، ތަފާތު ބަލިތައް ފެތުރުމުގެ ބިރު ވެސް އޮވެއެވެ. ކުނި އުކާލުމަށް ހާއްސަ ހިދުމަތްތަކެއް ގާއިމުވެފައިވާއިރު، އެކަން ނުކޮށް އާންމު ތަންތަނަށް ކުނި އެޅުމަކީ ފަރުދީ ޒިންމާ އަދާނުކުރާ ކަމުގެ ހެއްކެކެވެ.
ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ނަމަވެސް އާންމުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭ ނަމަ، އެއްވެސް ނިޒާމެއް ކާމިޔާބެއް ނުވާނެއެވެ.
"އަހަރެމެންނަށް މުހިންމީ ހަމައެކަނި ފްލެޓުގެ އެތެރެއެއް ނޫން. މުޅި އިމާރާތާއި ގޯތިތެރެއަކީ ވެސް އަހަރެމެންގެ ގެއެއް ކަމުގައި ދެކެންޖެހޭ،" ވެމްކޯ މަސައްކަތްތެރިއަކު ފާހަގަކުރިއެވެ.
މިކަން ހުއްޓުވޭނީ ހަމައެކަނި ގާނޫނަކުން ނުވަތަ ޖޫރިމަނާއަކުން ނޫނެވެ. މިއީ އަމިއްލަ ނަފްސުން ފަށައިގެން، ކޮންމެ މީހަކު ވެސް ތިމާގެ ޒިންމާ އަދާކޮށްގެން ނޫނީ ހައްލުވާނެ މައްސަލައެއް ނޫނެވެ. އަހަރެމެންގެ ތަހުޒީބީކަން ފެންނާނީ އަހަރެމެން ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމުންނެވެ. އެފްޑީސީ ފްލެޓްތަކާއި ހިޔާ ޓަވަރުތަކުގެ އާންމު ސަރަހައްދުތަކަކީ އަހަރެމެންގެ ތަހުޒީބީކަން ދައްކައިދޭނެ އައިނާއެވެ. އެ އައިނާ ހަޑިވިޔަ ނުދީ، ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ސާފުތާހިރު މާހައުލެއް ބިނާކުރުމަށް އަތްގުޅާލަމާ ހިނގާށެވެ. ބަހަނާ ދެއްކުން ހުއްޓާލައި، އަމަލީ ގޮތުން ސާފުތާހިރުކަން އިސްކުރަމާ ހިނގާށެވެ.