ރައީސް މުއިއްޒު، ޕީއެންސީގެ ތަރާވީހުގައި ވާހަކަފުޅުދައްކަވަނީ --

"ދެ އިންތިޚާބު އެއްކުރުމާ ދެކޮޅީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބީމާ"

ނާއިފް ހަލީމް
 
3 ގަޑިއިރު ކުރިން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ، އިންތިޚާބުތަކާ ދިމާކޮށް "ކަޑަޖެހުމުގެ" ސަގާފަތަށް އާދަވެފައި ތިބުމުން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިދިކޮޅަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ބަސް ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު، ކުރިއަށް އޮތް އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށް ގެންދިއުމަށް ނިންމަވައި، ރައީސް މުއިއްޒު ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފައެވެ.

މި ނިންމެވުމާ މެދު އެމްޑީޕީގެ އިސް ބޭފުޅުންނާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ނުރުހުން ފާޅުކުރައްވައި ދެކޮޅު ހައްދަވާފައެވެ.

ޕީއެންސީން ރޭ ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމާ މެދު އިދިކޮޅުން މިހާރު ދެކޮޅު ހަދަމުންދާތީ އެކަމާ މެދު ވަރަށް ފުންކޮށް ވިސްނާވަޑައިގެންފައިވާ ކަމަށެވެ. ޚާއްޞަކޮށް، މީގެ ކުރިން އިދިކޮޅު ބައެއް އިސް ބޭފުޅުން މިގޮތަށް އިންތިޚާބުތައް އެއްކޮށްލުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފައި އޮތުމަށްފަހު، މިހާރު ވިސްނުން ބަދަލުވެފައިވާތީ އެކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސްގެ މި ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކުރީއްސުރެ އޮންނަނީ އިންތިޚާބުތަކާ ދިމާކޮށް އެކި މަޝްރޫޢުތަކުގެ ބިންގާ އެޅުން ނުވަތަ "ކަޑަޖެހުމުގެ" ސަގާފަތެއް ކަމަށެވެ. ކެންޑިޑޭޓުން ރަށްރަށަށް ގޮސް ބިންގާ އެޅުމަށްފަހު، ދެން އެބަޔަކު ފެންނާނީ އަނެއްކާވެސް އިންތިޚާބެއް އައިސް އާ ބިންގަލެއް އަޅަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި އުސޫލު ކުރިއަށް ގެންދިޔުމުގެ އާދަ އަށަގަނެފައިވާ ފަރާތްތަކުން އެ ކަން ކުރަން ބޭނުންވާތީއޭ މިއުޅެނީ އަނެއްކާވެސް މި ކަމާ ކުރިން އެއްބަސްކިޔާފައި ދެކޮޅު ހަދައިގެން. އަޅުގަނޑުމެން މިއުޅެނީ ދެ އިންތިޚާބެއް އެއް އިންތިޚާބަކަށް ހަދާކަށް ނޫނޭ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރުގެ މަގުސަދަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދެމެދު އޮންނަ ކުރު މުއްދަތުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށް، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ. މިގޮތަށް އިންތިޚާބުތައް އެއްކޮށްލުމުން ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށާއި، މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތުން އެކަން ހާމަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.