ކުޅަދާނަ ފިލްމީ ތަރި ނިމާލް ---

ކުޅަދާނަ ފިލްމީ ތަރި ނިމާލް ނިޔާވެއްޖެ

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

 ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު އަޙްމަދު ނިމާލް، ސްޓްރޯކެއް ޖެހި ސީރިއަސް ހާލަތެއްގައި އޮތުމަށްފަހު މިއަދު ވަނީ ނިޔާވެފައެވެ.

ނިމާލް ނިޔާވީ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް ސްޓްރޯކެއް ޖެހުނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ، ސައިކަލުގައި ދަނިކޮށް ކުއްލިއަކަށް ހާލު ދެރަވެގެން މަޑުކޮށްލި ވަގުތުއެވެ. ފުލުހުންގެ އެހީތެރިކަމާއެކު ފުރަތަމަ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އިތުރު ފަރުވާއަށްޓަކައި ޖެހިގެން އައި ދުވަހު އޭނާ ވަނީ އައި.ޖީ.އެމް.އެޗަށް ބަދަލުކުރެވިފައެވެ.

1990 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން އައި ނިމާލަކީ ދިވެހި ސިނަމާ ދުށް އެންމެ ހުނަރުވެރި އެއް ފަންނާނެވެ. ޓީވީއެމްގެ "ސަޅިބައިސާ" އިން މަގުބޫލުކަން ހޯދި ނިމާލްގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އޭނާ އަމިއްލައަށް ލިޔެ، ޑައިރެކްޓްކުރި ފިލްމު "ސިޓީ" އެވެ. އެކްޓަރެއްގެ އިތުރުން ކާމިޔާބު ޑައިރެކްޓަރެއްގެ ގޮތުގައިވެސް ފާހަގަކުރެވުނު ނިމާލްގެ ފަންނީ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ އޭނާއަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު އަރުވާފައެވެ.

ނިމާލްގެ ކަށުނަމާދު ބޭއްވުނީ މިއަދުގެ އަޞްރު ނަމާދަށްފަހު، އާސަހަރާ މިސްކިތުގައެވެ. އޭނާގެ ވަކިވެދިއުމަކީ ދިވެހި ފިލްމީ ސިނަމާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ހުސްކަމެކެވެ.