ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މާޗް ނުވަޔަކުން ފެށިގެން ރޯދަމަސް ނިމެންދެން ސަރުކާރު ބަންދު

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

އަންނަ މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، 1445 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. މި ނިންމެވުމަކީ އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށާއި، ދީނީ އަޅުކަންތަކަށް އިސްކަންދީ، އެކަމަށް ރައްޔިތުންނަށް ފުރުސަތު މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ނިންމެވި ނިންމެވުމެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކުގައިވެސް، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް، ކަމާބެހޭ މުއައްސަސާތަކުން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިރުޝާދު ދެއްވާފައެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.