ހުޅުމާލެ ފޭސް ތިނެއްގައި 1000 ހައުސިން ޔުނިޓު އަޅަން ބަޔަކު ހޯދަނީ --

ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދަނީ

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1،000 ސޯޝަލް ހައުސިންގް ޔުނިޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު އިޢުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ހައުސިންގް ޔުނިޓުތައް ފަރުމާކޮށް، އިމާރާތް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 23 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތް ކުރާނީ މަދުވެގެން 950 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކާއި، މަދުވެގެން 700 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ޔުނިޓުތައް ބިނާކުރުމަށް ބޭނުންވާ ބިން ދޫކުރާނީ އެއްވެސް އަގަކާ ނުލައެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މި މަޝްރޫއު ކުރިއަށްގެންދާއިރު، ގިނަ އަދަދެއްގެ ރައްޔިތުން މިހާރުވެސް ދިރިއުޅެމުންދަނީ ބޮޑު އަގުގައި ކުއްޔަށް ހިފާފައިވާ ތަންތަނުގައެވެ. އައު މަޝްރޫއުގެ ސަބަބުން އަގުހެޔޮ ބޯހިޔާވަހިކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.