އެމްޑީޕީގެ މެންބަރުންތަކެއް ---

އިންތިޚާބުގެ އިންތިޒާމުތައް ހަމަޖައްސަނީ ވަކި ބަޔަކަށް މަންފާވާނެގޮތަށްކަމަށް އެމްޑީޕީން ބުނެފި

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމާފައިވާ ބައެއް ނިންމުންތަކަކީ ވަކި ބަޔަކަށް ފައިދާވާނެ ގޮތަށް ބައްޓަންކޮށްފައިވާ ނިންމުންތަކެއް ކަމަށް ބުނެ، އެމްޑީޕީން އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ ކެމްޕޭން ތަރުޖަމާނު ޢަބްދުﷲ ވަޙީދު ވަނީ ސިނާއީ މަސައްކަތްކުރާ ރަށްރަށާއި، ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށް އީސީން ނިންމި ނިންމުމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ވޯޓު ފޮށި ބެހެއްޓޭނީ އެ ޤައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީވެ، އޭގެ ތެރެއިން މަދުވެގެން ކޮންމެވެސް އެއް ދާއިރާއަކުން 40 މީހުން ހަމަވާނަމަ އެވެ. މިކަމާ ގުޅިގެން ވަޙީދު ވިދާޅުވީ، އެ ތަންތަނުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމުމަކީ އެމްޑީޕީން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުދި ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓޭއިރު، އެތައް ހާސް ދިވެހިންނެއް ދިރިއުޅެމުންދާ މެލޭޝިއާ އާއި ސްރީލަންކާ ފަދަ ޤައުމުތަކުގައި ވޯޓު ފޮށި ނުބެހެއްޓެންވީ އެއްވެސް މަޤްބޫލު ސަބަބެއް ނެތެވެ.