ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް --

ކިޔަނީ "ޗާގޯސް" އެއް ނޫން، އެ ރަށްތަކަކީ "ފޯޅަވަހި": ފޮރިން މިނިސްޓަރު

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

 ފޯޅަވަހީގެ ރަށްތަކަށް "ޗާގޯސް" ކިޔުމުގެ ބަދަލުގައި، އެއީ "ފޯޅަވަހި" ކަމަށް ބޭނުންކުރުމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު ޚަލީލް ރޭ "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތާރީޚީ ގޮތުން ރާއްޖެއާ ގާތް ގުޅުމެއް އޮތް އެ ރަށްތަކުގެ އަސްލު ނަމަކީ ފޯޅަވަހި ކަމަށާއި، އެއީ ޗާގޯސް ނޫން ކަމަށެވެ.

ޚަލީލް މިފަދައިން ވިދާޅުވެފައިވަނީ، ފޯޅަވަހީގެ ތާރީޚީ ގުޅުން ރާއްޖެއަށް އޮތްކަން ފާހަގަކުރައްވައި، އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް އިނގިރޭސި ސަރުކާރަށް މިދިޔަ މަހު އިއުތިރާޒު ހުށަހަޅާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ފޯޅަވަހީގެ ރަށްތަކަކީ ދިވެހީންގެ ކާބަފައިންގެ ޒަމާނުއްސުރެ ދަންނަ، ރާއްޖޭގެ ގުދުރަތީ އިން ފެށޭ ހިސާބުގައިވާ ރަށްތަކެއް ކަމަށެވެ.

މީގެ އިތުރުން، ތާރީޚީ ރަސްމީ ލިޔެކިއުންތަކުން ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައި ފޯޅަވަހި އޮތްކަން ކަށަވަރުވާ ކަމަށާއި، މިއަދާ ހަމައަށްވެސް ދިވެހި މަސްވެރިން އެ ސަރަހައްދަށް މަސްވެރިކަމަށް ގޮސް އުޅޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ ރަށްތަކާއި ދިވެހިރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންކަމުން ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން މިފަދަ އެތައް ގޮތަކުން ކަށަވަރުވާތީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިއުތިރާޒުކޮށް އެކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވާނީ އިނގިރޭސި ސަރުކާރަށް އަށެއް ނޮވެންބަރު 2024ގަ، އަދި 18 ޖެނުއަރީ 2026ގަ ލިޔުމުން ހުށަހަޅައިފަ،" ރައީސް އެ ދުވަހު ވިދާޅުވިއެވެ.