އައްޑޫ ސިޓީގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަދަލުތަކެއް ގެންނަވައި، އެކަން ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ. މި ބަދަލުގެ ދަށުން އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ކުރިން ހިމެނުނު ހުޅުދޫއާއި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ނިންމެވުމަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން، 25 އޮކްޓޫބަރު 2025 ގައި ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ މެދުގައި ނެގުނު ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާއަށް ރިޢާޔަތްކުރައްވައި ނިންމެވި ނިންމެވުމެކެވެ.
އައްޑޫ ސިޓީއާއި، ހުޅުދޫ އަދި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ގެންނެވި މި ބަދަލުތައް ހިމެނޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤަރާރުތަކުގެ ޖަދުވަލުގައި އެ ސަރަޙައްދުތަކުގެ އިޚްތިޞާޞް ވަކިކޮށް އެނގޭނޭހެން ތައްޔާރުކޮށްފައިވާ ޗާޓުތައް ވެސް ވަނީ ހިމަނުއްވާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ރާއްޖޭގެ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެކެވެ.