ކެމްޕޭނަށް ރައީސް މާފަންނު މެދަށް ވަޑައިގަތުން --

މިއަދު ރައީސް ވަޑައިގަތީ މާފަންނު މެދަށް

ނާއިފް ހަލީމް
 
7 ގަޑިއިރު ކުރިން

 ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މާފަންނު މެދު ދާއިރާގައި ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދާއިރާގެ ބައެއް ގޭބިސީތަކަށް ވަޑައިގެން އާއިލާތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިހުސާސްތައް ގާތުން އޮޅުންފިލުއްވާފައެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވި ވަގުތު، އެމަނިކުފާނަށް އިސްތިގުބާލު ކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން މަގުމައްޗަށް ޖަމާވެފައި ތިއްބެވެ. އެމަނިކުފާނު ވަނީ އެންމެހައި ރައްޔިތުންނާ ސަލާންކުރައްވައި، މީހުންގެ ހާލުބައްލަވައި، އާންމުންގެ ޚިޔާލުތައް އަޑުއެއްސެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.

ގެއިން ގެއަށް ކުރެއްވި މި ދަތުރުފުޅުގައި، މަގުމަތިން ބައްދަލުވި އެކި އުމުރުފުރާގެ މީހުންނާ ވާހަކަދައްކަވައި، އެމަނިކުފާނާ ބައްދަލުކުރަން ބޭނުންވި ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ދެއްވިއެވެ.

މި ޒިޔާރަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން ހާލުބެއްލެވުމަށް އިސްކަންދެއްވި ފަދައިން، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ޚިޔާލު ބަދަލުކުރެއްވުމުގެ ސަގާފަތް ދަމަހައްޓަވަމުންނެވެ.