މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއްގައި، ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ރޭ ދަންވަރު 1:39 ގައި ކަމަށެވެ.
މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.
މި ދެ މީހުންނަށްވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްވާ ކަމަށާއި ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވާފައި ވަނީ އެ އުޅަނދު ދުއްްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.