ޤައްޛާފީގެ ދަރިކަލުން ސައިފުލް އިސްލާމް | ފޮޓޯ: ސީއެންއެން

ޤައްޛާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލަައިފި

މުހައްމަދު ހަމީޒް
 
19 ގަޑިއިރު ކުރިން

ލީބިޔާގެ ކުރީގެ ލީޑަރު މުޢައްމަރުލް ޤައްޛާފީގެ ބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރު ދަރިކަލުން ސައިފުލް އިސްލާމް ޤައްޛާފީ އަވަހާރަކޮށްލައިފިއެވެ. 

ސައިފުލް އިސްލާމުގެ ލޯޔަރު ޚާލިދު އައްޒައިދީއާއި އޭނާގެ ސިޔާސީ މުސްތަޝާރު އަބްދުﷲ ޢުޘްމާން ވަކިވަކިން ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓުތަކެއްގަައި އަންގާރަދުވަހު ސައިފުލް އިސްލާމް އަވަހާރަކޮށްލާފައިވާކަން އިއުލާނުކޮށްފައިވެއެވެ. 

ލީބިޔާގެ ނޫހެއްކަމަށްވާ ފަވާސިލް މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޢުޘްމާން ވިދާޅުވި ގޮތުގައި ސައިފުލް އިސްލާމް އަވަހާރަކޮށްލީ ޒިންތާނުގައި އޭނާ ދިރިއުޅުއްވާ ގެކޮޅަށް ބަޔަކު ވަދެ ބަޑިން ހަމަލާ ދީގެންނެވެ. ސައިފުލް އިސްލާމުގެ ޓީމުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އޭނާ އަވަހާރަކޮށްލީ މޫނު ނިވައިކޮށްގެން ތިބި ހަތަރު މީހަކު ހަތިޔާރާއެކު އޭނާ ދިރިއުޅުނު ގެއަށް ވަދެ ބަޑިން ދިން ހަމަލާތަކެއްގައެވެ. 

އެ ބަޔާނުގައި ބުނެފައިވާ ގޮތުން ސައިފުވަނީ އޭނާ އަވަހާރަކޮށްލަން ގެކޮޅަށް ވަން މީހުންނާ ކުރިމަތިލައްވައި އެމީހުންނާ ހަމަލާ ބަދަލުކުރައްވާފައެވެ. އެމީހުން ގެކޮޅަށް ވަނުމުގެ ކުރިން އެ ގޭގައި ހަރުކޮށްފައި ހުރި ކެމެރާތައް ނިއްވައިލި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. 

ސައިފުލް އިސްލާމް އަވަހާރަކޮށްލުމާ ގުޅިގެން ތަރާބުލުސްގައި ގާއިމުކޮށްފައިވާ ހައި ސްޓޭޓް ކައުންސިލުގެ ކުރީގެ ވެރިޔާ ޚާލިދު މިޝްރީވަނީ ސައިފުގެ ގަތުލާ ގުޅޭ ދެފުށް ފެންނަ އަވަސް ތަހުގީގެއް ކުރިއަށްގެންދިއުމަށް ގޮވާލައްވާފައެވެ.