އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑީ ބީޗްގައި ހަނޫކާގެ އުފާފާޅުކުރުމެއްގެ ތެރެއިން 15 މީހުން މަރާލި ޓެރަރިސްޓުންނަކީ ބައްޕައާއި ދަރިފުޅު ކަމަށް ފުލުހުން މިއަދު ކަށަވަރުކޮށްދީފިއެވެ. މި ދެމީހުންނަށް ހަމަލާދީ އޭގެ ތެރެއިން އެކަކު މަރާލި ހާދިސާގެ ފުޓޭޖުތައް ވެސް ވަނީ އާންމުކުރެވިފައެވެ.
އުމުރުން 24 އަހަރުގެ ނަވީދު އަކްރަމް އާއި އޭނާގެ 50 އަހަރުގެ ބައްޕަ ޓާގެޓްކޮށްފައިވަނީ އޮސްޓްރޭލިއާގެ އެންމެ މަޝްހޫރު ބީޗްގައި ހަނޫކާ ފާހަގަކުރަމުން ދިޔަ އާއިލާތަކަށެވެ. ނިއު ސައުތު ވޭލްސްގެ ފުލުހުންގެ ކޮމިޝަނަރު މަލް ލެނިއަން ސިޑްނީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ހަމަލާދިން ދެމީހުންނަކީ ބައްޕައާއި ދަރިފުޅު ކަމަށެވެ.
ޑްރޯނަކުން ނަގާފައިވާ ފުޓޭޖްތަކުން ދައްކާ ގޮތުގައި، ހަމަލާދިން މީހުންގެ ތެރެއިން އެކަކު ޕެޑެސްޓްރިއަން ފުޓްބްރިޖެއްގެ މަތިން ބަޑިޖަހަމުން ދަނިކޮށް ފުލުހުންގެ ބަޑީގެ ހަމަލާއެއްގައި ވެއްޓިގެން ދެއެވެ. އަނެއް ޓެރަރިސްޓު ވެސް ޖަޔޫދީންގެ މި ދީނީ އުފާފާޅުކުރުން ފާހަގަކުރަމުން ދިޔަ އާންމުންނަށް ބަޑިޖެހުން ކުރިއަށް ގެންދެއެވެ. އޭނާ ބްރިޖްގެ ދަށަށް ފިލައި، ހަތިޔާރު ރީލޯޑްކޮށް އަނެއްކާވެސް ބަޑިޖަހަން ފަށައެވެ. އޭނާ ދެފަރާތަށް ވެސް ބަޑިޖަހަމުން ދަނިކޮށް، ސިފައިން އޭނާ ހައްޔަރުކުރުމަށްޓަކައި ބްރިޖްގެ މައްޗަށް އަރައެވެ. އޭނާ އަތް އުފުލައި ސަލާމަތްވުމަށް އެދިފައިވާ މަންޒަރު ފެނެއެވެ.
ޓެރަރިސްޓުން ބޭނުންކުރި ކާރުގައި އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) ޖަމާއަތުގެ ދިދައެއް ވެސް އޮތް ކަމަށް ބެލެވެއެވެ. ހާދިސާ ހިނގި ވަގުތު ހާޒިރުވި މީހުން ބުނި ގޮތުގައި، ދެމީހުން ކާރުން ނިކުމެ، ގާތްގަނޑަކަށް 10 މިނެޓުގެ ތެރޭގައި އެއްވެފައި ތިބި 50 ވަރަކަށް މީހުންގެ ގަޔަށް ބަޑި ޖަހާފައިވެއެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ވަނީ 16 އަށް އަރާފައެވެ. މީގެ ތެރޭގައި 10 އަހަރުގެ ކުއްޖަކު ހިމެނެއެވެ. އެންމެ އުމުރުން ދޮށީ މީހާގެ އުމުރަކީ 87 އަހަރެވެ.
ސިޑްނީގެ ދެކުނު ހުޅަނގު ބޮނީރިގް އަށް ނިސްބަތްވާ 24 އަހަރުގެ އަކްރަމް ވަނީ ހައްޔަރުކުރެވި، ފަރުވާ ދެމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާގެ 50 އަހަރުގެ ބައްޕަ ވަނީ ހާދިސާ ހިނގި ތަނުގައި މަރާލާފައެވެ. މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ރޭ 7:00 ޖަހާކަންހާއިރު، ހަނޫކާ ފާހަގަކުރުމަށް ބޭއްވި 'ހަނޫކާ ބައި ދަ ސީ' އިވެންޓެއްގެ ތެރެއިންނެވެ. މި ހަމަލާގައި 16 މީހުން މަރުވެ، 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.