ދިވެހިރާއްޖެއިން ޑެންމާކަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، އަލްފާޟިލާ ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޑެންމާކުގެ ރަސްގެފާނު ފްރެޑްރިކް (10 ވަނަ) އަށް އަރުއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ހުންނަ ކްރިސްޓިއަންސްބޯގް ޕެލަސްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޑެންމާކުގެ ރަސްގެފާނަށާއި، ސަރުކާރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ސަފީރު ގީލާ ޢަލީ ހެޔޮއެދުންތަކާއި އިޚްލާޞްތެރި ތަހުނިޔާ ރައްދުކޮށްދެއްވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެކަމަނާ މި ބައްދަލުކުރެއްވުމުގައި ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި އެކަމަނާގެ ފިރިކަލުން އަލްފާޟިލް ޢަބްދުﷲ މުޝްރިފްގެ އިތުރުން، ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލް ޙަސަން ނަވާފް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި ޑެންމާކާ ދެމެދު ސިޔާސީ ގުޅުން ފުރަތަމަ ޤާއިމުކޮށްފައިވަނީ 8 ނޮވެންބަރު 1982 ގައެވެ.