ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދުންފުނީގެ މައްސަލައިގައި ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުނީގެ އަސަރު ކުރަމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް މި ހާލަތު ދެމިއޮންނާނެއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުންފުނީގެ ސަބަބުން އާންމު ސިއްހަތަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ސަރުކާރުން ނުހަނު އިސްކަންދީގެން ބަލަމުންދާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށާއި، ބޭރު ގައުމުތަކުން އަންނަ ތަޣައްޔަރުވެފައިވާ ވައިގެ ސަބަބުން ސިއްހީ ގޮތުންނާއި، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މި މައްސަލައަކީ، މޫސުމީ ބަދަލުތަކާ ގުޅިގެން އެކި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ މާއްދާތައް ވައިގެ މަގުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގެ ނަތީޖާއެއް ކަމަށް ސަރުކާރުން ބުނެއެވެ. ރާއްޖޭގެ ޖަޒީރާވަންތަ ގޮތާއި، އާބާދީ ތޮއްޖެހިފައި އޮތުމުގެ ސަބަބުން މިފަދަ ތިމާވެށީގެ ބަދަލުތަކުގެ އަސަރު ރައްޔިތުންނަށް ކުރާ މިންވަރު އިތުރުވެގެންދެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ބައިނަލްއަގުވާމީ މައިދާނުގައި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމަށް ފޮރިން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަޝްވަރާތައް ބޭއްވުމާއި، ސައިންޓިފިކް މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން އެ މިނިސްޓްރީން ހާމަކުރެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިރުޝާދު ދީފައެވެ.