ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި މާލެ ސަރަހައްދުގައި ދޫކުރަމުންދާ މަސްދަޅު ކޭސް ބަހާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގައި މަސްކޭސް ދޫކުރުން މިހާރު ކުރިއަށްދަނީ މާފަންނު ޓްރެކް ދަނޑު ކައިރީގައި ހުންނަ ޕަބްލިކް ވޯކްސް ފެންޑާއިންނާއި، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި ހުންނަ މިފްކޯގެ ފިހާރަތަކުން ކަމަށެވެ. މި ތަންތަނުން މަސްކޭސް ދޫކުރާނީ މި މަހުގެ 15 ވަނަ ރޯދަ (އަންނަ ބުދަ ދުވަސް) ގެ ނިޔަލަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ރާއްޖޭގެ 118,773 ގޭބިސީއަކަށް 48 ދަޅުގެ މަސްކޭސް ބެހުމަށް ވަނީ ނިންމާފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ގޭބިސީތަކަށް 53,308 މަސްކޭސް ވަނީ ބަހާ ނިންމާފައެވެ.
މިފްކޯއިން ބާޒާރުގައި މަސްދަޅު ކޭހެއް 760 ރުފިޔާއަށް ވިއްކަމުންދާއިރު، ސަރުކާރުން މިއަހަރު ހިލޭ ބަހާ 118,977 މަސްކޭހަށް ޖުމލަ 90.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ ރޯދަމަހުވެސް ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް މަސްކޭހެއް ހަދިޔާކޮށްފައެވެ. އެގޮތުން މާލޭގެ ގޭބިސީތަކަށް 50,519 ކޭސް އަދި އަތޮޅުތެރޭގެ ރަށްރަށަށް 60,712 ކޭސް މިދިޔަ އަހަރު ބަހާފައިވެއެވެ.