ކުރީގެ ރައީސް މުޙައްމަދު ނަޝީދު --

ޑޮލަރު މައްސަލަ ހައްލުވާނީ ފްލޯޓް ރޭޓަކަށް ދޫކޮށްގެން: ނަޝީދު

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

 ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު އުފުލިފައިވާ މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ 'ފްލޯޓިން އެކްސްޗޭންޖް' ނިޒާމެއްގެ ދަށުން ބާޒާރުގެ އުސޫލުން ޑޮލަރުގެ އަގު ކަނޑައެޅުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމުގެ ވަރުގަދަ ވައުދަކާ އެކުގައެވެ. މިއަހަރުގެ މާރިޗު މަހު އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރުފިޔާގެ އަގު ހަރުދަނާވެ، ޑޮލަރުގެ އަގު ވަނީ ދަށްވާން ފަށާފައެވެ. އޭރު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 18 ރުފިޔާގައެވެ. ނަމަވެސް، އޭގެ ފަހުން އަނެއްކާވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، މިހާރު އާންމުކޮށް ހުންނަނީ 20 ރުފިޔާއަށްވުރެ މަތީގައެވެ. މަރުކަޒީ ބޭންކުން ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މި އަގުގައި ޑޮލަރު ލިބުމުގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

ރަސްމީ ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާ މީހުންނާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޑޮލަރު ބޭނުންވާ ފަރާތްތަކުން މަޖުބޫރުވެފައިވަނީ ކަޅު ބާޒާރަށް ބަރޯސާވާށެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ތަކެތީގެ އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ މިދިޔަ އަހަރުއެވެ.

މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރެއްގެ ރަސްމީ އަގު 20 ރުފިޔާއަށް ބަދަލުކުރި ނަމަވެސް، ބޭންކުތަކުން އެ އަގުގައި ޑޮލަރު ލިބެން ނެތް ނަމަ ކަޅު ބާޒާރުގެ ނުފޫޒު އިތުރަށް ގަދަވާނެ ކަމަށެވެ. އެހެންކަމުން، އެންމެ އިންސާފުވެރި ގޮތަކީ ޑޮލަރުގެ އަގަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ މައްޗަށް ބިނާވެގެން ކަނޑައެޅޭ އެއްޗަކަށް ހެދުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ ވެރިކަމުގައި ވެސް ޑޮލަރުގެ އަގަށް ބަދަލުތަކެއް ގެންނެވިއެވެ. އެގޮތުން 2008 ވަނަ އަހަރު 12.85 ރުފިޔާގައި ހުރި ޑޮލަރުގެ ރޭޓު، ބާޒާރުގައި ޑޮލަރު ތަދުވުމާ ގުޅިގެން 10.28 އާއި 15.42 އާ ދެމެދުގެ ބޭންޑަކަށް ބަދަލުކުރެއްވިއެވެ. އެއަށްފަހު މިއަދާ ހަމައަށް ވެސް ރަސްމީ ރޭޓު ހިފެހެއްޓިފައިވަނީ 15.42 ގައެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެފައިވުމާއެކު، ދައުލަތަށް ޑޮލަރު ހޯދުމަކީ މިހާރު ބޮޑު ގޮންޖެހުމެކެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޑޮލަރު މާރުކުރުން މަޖުބޫރުކުރާ އުސޫލެއް ތައާރަފުކޮށްފައެވެ. މިއަހަރުގެ ތެރޭގައި 1.1 ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހިފައިވާއިރު، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން އަދިވެސް ރާއްޖެ ހިމަނާފައިވަނީ މާލީ ނުރައްކާ ބޮޑު ގައުމުތަކުގެ ލިސްޓުގައެވެ.