އިދިކޮޅު އެމްޑީޕީގައި އައު ތަސައްވުރެއް ނެތް ކަމަށާއި، އެހެންކަމުން އިންތިޚާބަކުން އެ ޕާޓީއަށް އިތުރު ފުރުސަތެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަޢީދު ވިދާޅުވި ގޮތުގައި، އިންތިޚާބެއް ބޯމަތިވެ ރައްޔިތުން ގޮތް ނިންމަން ޖެހިފައިވާ މި ދަނޑިވަޅުގައި، މީގެ ކުރިން ސިޔާސީ ޕާޓީތަކަށް ބާރު ލިބުމުން ކަންކަން ކުރި ގޮތާމެދު ފުންކޮށް ވިސްނާލަން ޖެހެއެވެ.
އެމްޑީޕީއަށް ރައްޔިތުން ފުރިހަމަ އަޣުލަބިއްޔަތެއް ދެއްވި ނަމަވެސް، އެ ބާރުގެ ބޭނުން ހިފި ގޮތް ހަނދާން ނެތޭހާ ދުވަސް އަދި ނުވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، އެމްޑީޕީގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު، ދައުލަތުގެ ރިޒާވްގައި ހުރީ އެންމެ 15 ދުވަހަށް ބޭނުންވާ ކާބޯތަކެތި ގަނެވޭނެހާ ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޑިމޮކްރެޓިކް ނިޒާމަށް އެ ޕާޓީން ދީފައިވާ ގެއްލުންތައް މިއަދު ފެންނަން އެހުރީ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ބާނީންނަކީ އެއީ ކަމަށް އެމްޑީޕީން ދައުވާ ކުރާއިރު، އެ ނިޒާމު ހަރުދަނާކުރުމަށް އެ ޕާޓީން ކުރި މަސައްކަތަކީ ކޮބައިތޯ މިނިސްޓަރު ސުވާލު އުފެއްދެވިއެވެ. "އެ ބޭފުޅުން އަނެއްކާވެސް މި އަންނަނީ. މިވީ އެންމެ ދެ އަހަރު. ކަންކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ވަރަށް ސާފުވާނެ،" ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ދެ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވް 1.1 ބިލިއަން ޑޮލަރަށް އުފުލިފައިވާ ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޤާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކައުންސިލް މުވައްޒަފުންގެ ފަންތި ހަތަރުވަނަ ކެޓަގަރީއަށް އުފުލައިދީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވީ ރައީސް މުޢިއްޒުގެ ސަރުކާރުން ކަމަށްވެސް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.