ހުޅުމާލެ ޗެނަލް ޕާކް --

ޗެނަލް ޕާކު ބޮކިފަތިން ޒީނަތްތެރިކޮށްލައިފި

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ގްރޭޓަރ މާލެ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހުޅުމާލެ "ޗެނަލް ޕާކު" ޒީނަތްތެރިކުރުމަށްފަހު، އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ ބްރިޖުތައް ހިމެނޭ މި ސަރަޙައްދަކީ، އާއިލާތަކާއި ރައްޓެހިންނާއެކު ރޯދަވީއްލުމަށާއި ހާރުކެއުމުގެ އިތުރުން ތަރާވީސް ގަޑިތަކުގައި ގިނަ ބަޔަކު ޖަމާވާ ހިތްގައިމު މައިޒާނެކެވެ. ރޯދަމަހާ ދިމާކޮށް އެޗްޑީސީން ވަނީ އެ ސަރަޙައްދު އެއްކޮށް ސާފުކޮށް، ކުލަބޮކިތަކުން ދިއްލާލައި، ރީތި މާޙައުލެއް ގާއިމުކޮށްދީފައެވެ. މީގެ އިތުރުން، ސަރަޙައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުނި އެޅުމަށް ޚާއްޞަ ޑަސްބިންތައް ވެސް މިހާރު ވަނީ ބަހައްޓާފައެވެ.

ޗެނަލް ޕާކަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށާއި، މޫދަށް އެރުމަށާއި، އަދި ހިތްހަމަޖައްސާލުމަށް އާންމުކޮށް ގޮސްއުޅޭ މަގުބޫލު މަންޒިލެކެވެ. މި ސަރަޙައްދަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، އެޗްޑީސީން މި ގެނައި ބަދަލަކީ ރޯދަމަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.

އެޗްޑީސީން ވަނީ އެ ސަރަޙައްދުގެ ރީތިކަމާއި ސާފުތާހިރުކަން ދެމެހެއްޓުމަށް ހުރިހާ ބޭފުޅުންގެ އެއްބާރުލުމަށް އެދިފައެވެ. އެގޮތުން، މޫދަށް ކުނި ނޭޅުމަށާއި، ބޭނުންކުރާ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ނައްތާލުމަށް ނުވަތަ އަނބުރާ ގެންދިއުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.