ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި ރީތި މިސްކިތުގެ އެތެރެ --

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން

މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު (ރަޙިމަހުﷲ) ގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ބަންގްލަދޭޝްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުއްވައިދެއްވީ ޝައިޚް ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ ޢަބްދުﷲ ފަރީދު އަދި ޢަބްދުއްރަޙްމާން ފަރީދެވެ. މި ރަސްމިއްޔާތުގައި "ޚިދުމަތް" ޖަމްޢިއްޔާގެ ބައިނަލްއަޤްވާމީ ބައިވެރިޔާ، އަލް-މަނާހިލް ފައުންޑޭޝަންގެ އިސް ބޭފުޅުންނާއި އެ ސަރަޙައްދުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

ޝައިޚް ފަރީދު، މިއަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާގެ އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވުމަކީ ދިވެހި އުންމަތަށް ލިބުނު ފުން ހިތާމައެކެވެ. އެމަނިކުފާނުގެ ހަނދާނުގައި ދެމިގެންދާނެ ފަދަ ޞަދަޤާތުލް ޖާރިޔާއެއް ބިނާކުރުމަށްޓަކައި "ޚިދުމަތް" ޖަމްޢިއްޔާގެ އިސްނެގުމާއެކު ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢެއް ފެށިއެވެ. ދިވެހި ދީލަތި ރައްޔިތުންގެ އެހީތެރިކަމާއެކު، މި މަޝްރޫޢަށް ބޭނުންވާ ފަންޑު ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެއްކުރެވިފައެވެ.

ޚިދުމަތް ޖަމްޢިއްޔާއިން ހާމަކުރި ގޮތުގައި، މިއަދު ހުޅުވުނު މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ ފެންވަރަށް ބިނާކޮށްފައިވާ ތަނެކެވެ. މިއީ ޝައިޚްގެ ޒިކުރާ އާކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މަތިވެރި އަދި ބަރަކާތްތެރި މަސައްކަތެއް ކަމުގައި އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.