އެންމެންގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމުގެ އަޒުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން

                        ކޮންމެ ފަރުދެއްގެވެސް އިންސާނީ ކަރާމާތާއި ހައްގުތައް ހިމާޔަތްކޮށް، އެންމެހައި ރައްޔިތުން ޝާމިލުވާފަދަ ބަދަހި މުޖުތަމައެއް ބިނާކުރުމުގެ ވަރުގަދަ އަޒުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި، ރައީސް ފާހަގަކުރެއްވި ގޮތުގައި، އިޖުތިމާއީ އަދާލަތަކީ ސުލްހަވެރި އަދި ހަމަހަމަކަން ގާއިމުވެފައިވާ މުޖުތަމައެއް ބައްޓަންކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސެކެވެ. މީގެއިތުރުން، މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި، ފަރަގުތައް ނައްތާލުމަށްޓަކައި އާ ހަކަތައަކާއެކު މަސައްކަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ހަމައެއާއެކު، އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކޮށް، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

'ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް' ގައި ރާއްޖެއިން ބައިވެރިވުމަކީ އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި، މި ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސިޔާސަތުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.