މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައި، ކަނޑައެޅިފައިވާ މުއްދަތުގައި އުޅަނދުތައް ނުނަގައިފިނަމަ ޓޯކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.
ފުލުހުން އިއްޔެ ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި، 'އޭ' ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ އިތުރުން، ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ރޭ 23:30 ގެ ކުރިން ނެގުމަށް އަންގާ ކަމަށެވެ.
މި މުއްދަތު ހަމަވުމަށްފަހު، އަންނަ ހޯމަ ދުވަހުން ފެށިގެން އެފަދަ އުޅަނދުތައް ޓޯކުރަން ފަށާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން، މި އުޅަނދުތައް ގެންދާނީ ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ވަކި ސަރަހައްދަކަށެވެ.
މީގެ އިތުރުން، އުޅަނދުތައް ޓޯކުރުމުގެ މަސައްކަތުގެ ތެރޭގައާއި، ޓޯކޮށްފައި ބަހައްޓާފައި ހުންނަ މުއްދަތުގައި އުޅަނދަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާނުވާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ޓޯކުރުމަށްފަހު އުޅަނދު އެހެން ތަނަކަށް ބަދަލުކުރުމަކީވެސް އުޅަނދުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
މާލެ ސަރަހައްދުގެ މަގުތައް ތަރުތީބުކޮށް އަމާންކުރުމުގެ ގޮތުން، ފުލުހުންނާއި ކަމާގުޅޭ އިދާރާތައް ގުޅިގެން މަގުމަތީގައި ހުންނަ ބޭނުންނުކުރެވޭ ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް ދޭތެރެދޭތެރެއިން ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.