ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަގެ އިންތިޚާބުގެ ކެމްޕޭނަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލާއި، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ޕާޓީގެ އިސް ބޭފުޅުންނާއި ދާއިރާގެ އެކި މަޤާމުތަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދާއިރާގެ ބައެއް ގޭބިސީތަކަށް ޒިޔާރަތްކުރައްވައި، އާއިލާތަކުގެ ހާލުބައްލަވައި މަޝްވަރާކުރައްވާފައެވެ. އަދި މަގުމަތިން ބައްދަލުވި އާންމު ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް އަޑުއެއްސެވުމުގައި ރައީސް ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ.
ކޮންގްރެސް ޕާޓީން މުޅި ރާއްޖޭގައި ކެމްޕޭން ހަރަކާތްތައް ވަރުގަދަކޮށްފައިވާއިރު، އިންތިޚާބުގެ ކުރިން ވެސް އެ ޕާޓީން ވަނީ ގިނަ ގޮނޑިތަކެއް ކަށަވަރުކޮށްފައެވެ. އެގޮތުން ކައުންސިލްތަކުގެ 28 ގޮނޑިއަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއާއެކު، ޖުމްލަ 69 ގޮނޑި ވަނީ އިންތިޚާބަކާ ނުލައި ޕީއެންސީއަށް ކާމިޔާބުވެފައެވެ.