އީސީގެ މެންބަރުން --

އިންތިޚާބަށް ރީރަޖިސްޓްރީވާން މާދަމާއިން ފެށިގެން ފަސް ދުވަސް

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މިކަމާ ގުޅިގެން ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުން ރީ-ރަޖިސްޓްރީވުމަށް މާދަމާއިން ފެށިގެން ފަސް ދުވަހުގެ މުއްދަތެއް އެ ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

އަންނަ އޭޕްރިލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާ ކައުންސިލް އިންތިޚާބުގެ ތެރެއިން، މި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ކުރިއަށްދާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ހަމައަށް އޮންނާނެއެވެ.

ދައުލަތުގެ މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ. މިދިޔަ މަހު ހުށަހެޅި މި އިސްލާހުގައި ވަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމުގެ އިތުރުން، 20 ވަނަ މަޖިލީހަށް ފަހު އިންތިޚާބުކުރާ މަޖިލިސްތަކުގެ ދައުރު ފެށޭ ތާރީޚު ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށްވެސް ހިމަނާފައެވެ.

މި އިސްލާހު އެއްވެސް ބަދަލެއް ނެތި މިދިޔަ ހަފުތާގެ ހޯމަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރުމާ ގުޅިގެން، ޖެހިގެން އައި އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމުން ވަނީ އެކަން ފާސްކޮށްފައެވެ. މި ނިންމުމާ އެއްގޮތަށް، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ކައުންސިލް އިންތިޚާބާ އެކު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ގަރާރަކުން ކަނޑައަޅުއްވާފައެވެ.