ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ހިދުމަތްތައް ޒަމާނީ ޓާމިނަލަކަށް ބަދަލުވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް އައު އިމާރާތަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް ހެޔޮ ފައިދާތަކެއް ކުރާނެއެވެ. ކުރީގައި ޑޮމެސްޓިކް ޓާމިނަލް އޮތީ ވަރަށް ބޮޑަށް އަޅާނުލެވި ކަމަށާއި، އޭގެ ސަބަބުން ދަތުރުވެރިންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އައު ޓާމިނަލަކީ ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއެކު، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ދެއްވި އިސްކަމުގެ ނަތީޖާއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިހާރު ހުޅުވުނު ޓާމިނަލަކީ ކުރިއަށްވުރެ ޖާގަ ތަނަވަސް، ހިތްފަސޭހަ ތަނެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި މަސައްކަތް ކުރު މުއްދަތެއްގައި ނިންމާލުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަ ނިންމަވާލެއްވީ، މި ބަދަލާއެކު ދަތުރުވެރިންނަށް ލިބޭ ހިދުމަތްތައް އަވަސްވެ، ޒަމާނީ ފެންވަރުގެ ހިދުމަތެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވަމުންނެވެ.