މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފިއެވެ.

ހަނދު ސާބިތުކުރުމަށް ޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައިވަނީ މާދަމާއަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅައިފައެވެ.

ހަނދު ސާބިތުވިކަން އިޢުލާންކުރައްވައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން ވަނީ ޖަލްސާގައި އިއްވައިފައެވެ.

މި ބަޔާން އިއްވަމުން ވިދާޅުވީ ޙިޖްރީ ސަނަތުން 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް 1447ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުޢީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ.

އެހެންވެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާއަކީ ރޯދައިގެ ފުރަތަމަ ދުވަސްކަމަށް ކަނޑައެޅީކަމަށް ވަނީ ފާހަގަކުރައްވައިފައެެވެ.

ސައުދީ އަރަބިއްޔާއިން ވެސް ވަނީ އެ ގައުމަށް ހަނދު ސާބިތުކުރެވިފައިވާތީ މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅައިފައެވެ.

ރޯދައިގެ އަޅުކަމަކީ އިސްލާމްކަމުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ.