އާރްޓީއެލް ފެރީތަކެއް --

ފ. އަތޮޅާއި ދ. އަތޮޅަށް އާރްޓީއެލް ފެރީގެ ދަތުރުތައް ފަށައިފި

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

ފ.އަތޮޅާއި ދ.އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ފ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އެކަމަށްޓަކައި އެ އަތޮޅު ނިލަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފ. ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސަޢުދާއެވެ. މި ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، އިންޑިއަން ހައި ކޮމިޝަނާއާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސަޢުދީގެ އިތުރުން، އެކުންފުނީގެ އިސްވެރިންނާއި، އެއަތޮޅުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ދ. އަތޮޅުގައި ފެރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ، އެ އަތޮޅު މީޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސޓަރު މުހައްމަދު އަމީނެވެ. މި ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދާއި، އެއަތޮޅުގެ އިސްވެރިންގެ އިތުރުން އެމްޓީސީސީގެ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ ސަޢުދީ އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެމްޓީސީސީއިން ބުނީ މި ދެ އަތޮޅުގައި ފެރީގެ ޚިދުމަތް ފެށިގެން ދިއުމަކީ އިގްތިޞާދީ ގޮތުން ލިބޭ ކުރިއެރުމެއް ކަމަށާއި، ހަމައެއާއެކު ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ ހަ ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެއީ، ފ.އަތޮޅުގެ އެއްރޫޓާއި، ދ. އަތޮޅުގެ ދެ ރޫޓުގެ އިތުރުން ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. މި ދެ އަތޮޅު ގުޅާލަދޭ ދަތުރުތައް ކުރާނީ، ފ. ނިލަންދުއާއި ދ. މީދޫއާ ދެމެދުގައެވެ. އަދި މި ޚިދުމަތް ދިނުމަށް ޖުމުލަ ދެ ފެރީ ބޭނުންކުރާނެއެވެ.

ފެރީގެ ދަތުރުތައް ފެށުމުގެ ކުރިން އަހުލުވެރި ކުރުވުމަށް 19 އިން 24 ށް ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ދޭނެއެވެ. އަދި 25 އިން ފެށިގެން ދަތުރުތައް ކުރިއަށް ދާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ގަތުމުގެ އިންތިޒާމު އާރްޓީއެލް ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ހަމަޖެހިފައިވާނެއެވެ.