ހުއިފިލަނޑައެއް -- ފޮޓޯ: އިންޓަނެޓް

ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ މައްސަލަ ހައިކޯޓަށް

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

 ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނީލަމުގައި ވިއްކާލަން އިޢުލާންކުރި، ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.

ތިލަފުށީގެ ގުދަނެއްގައި ހުރި މި ތަކެއްޗަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު ވަކި ގޮތެއް ނިންމިކަން އަދި ސާފެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައިވަނީ، މި މައްސަލައާ ގުޅިގެން ދަށު ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއް އިސްތިއުނާފު ކުރުމަށެވެ. މިއީ ފުވައްމުލަކަށް ނިސްބަތްވާ ފަރާތަކުން ފުލުހުންގެ މުއައްސަސާއާ ދެކޮޅަށް ދަޢުވާކުރާ މައްސަލައެކެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ހުއިފިލަނޑާތައް ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރި ނަމަވެސް، އެ ތަކެތި ވިއްކާލިކަން ކަށަވަރެއް ނުވެއެވެ. މި ތަކެއްޗަކީ ދެ މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައެއްގައި ހިމެނޭ ތަކެތިކަން ފުލުހުން މީގެ ކުރިން ކަށަވަރުކޮށްދީފައިވެއެވެ. ފުލުހުން އެ ތަކެތި ނީލަމަށް ހުޅުވާލީ ކިލޯއެއް 300 ރުފިޔާގެ ރޭޓުންނެވެ.

މި މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ. ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުމެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ތިލަފުށީގެ ގުދަނަކުން ހުއިފިލަނޑާއަށް ޚިޔާނާތްތެރިވި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި އެކަމުގައި ތުހުމަތުކުރެވޭ އޮފިސަރުގެ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ބަލަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.